ޚަބަރު

އޭސީސީއަށް ޢައްޔަންކުރާ މެމްބަރުންނަށް ރުހުން ދިނުން މާދަމާ


ހުސްވެފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް އައްޔަން ކުރާ މެމްބަރުންނަށް މާދަމާގެ މަޖިލީހުގައި ރުހުން ދިނުމަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކޮމެޓީތަކުން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން އެޖެންޑާކޮށްފައިވާ ހަމައެކަނި މަސައްކަތަކީވެސް މިމަސައްކަތެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ފަސް ބޭފުޅުންނާއި އިންޓަރވިއުކޮށް، އެފަސްބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ.

ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާ ފަސް ބޭފުޅުންގެ ނަންފުޅުތައް

  • 1- އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
  • 2- އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
  • 3- އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
  • 4- އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
  • 5- އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

މި ނަންފުޅުތަކުގެ ތެރެއިން އެއްވަނާގައި އޮތް ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ދެވަނާގައި އޮތް ޢަބްދުއްސަލާމް ޢަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.

މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީއަށް މެމްބަރުން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ، އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.