ދުނިޔެ

އޮބާމާގެ ވަދާޢީ ރިޔާސީ ބަޔާން - އުއްމީދުން ފުރިގެންވާ ބަޔާނެއް!


2009 ވަނަ އަހަރު އެމެރިކާގެ ރިޔާސަތާއި އަލަށް ހަވާލުވެވަޑައިގެންނެވި އެޤައުމުގެ ކަޅު ނަސްލުގެ ފުރަތަމަ ރައީސް ބަރަކް އޮބާމާ ވަނީ މީގެ ކުރިން 7 ފަހަރެއްގެ މަތިން ޤާނޫނު ހަދާ މަޖިލީހާއި މުޙާތަބްކުރައްވައި ރިޔާސީ ބަޔާން ދެއްވާފައެވެ. މިއަހަރަކީ އޮބާމާގެ ރިޔާސަތުގެ ދެވަނަ ދައުރުގެ ފަހު އަހަރު ކަމަށްވާ އިރު، އިއްޔެ ދެއްވި ރިޔާސީ ބަޔާން ނުވަތަ ސްޓޭޓް އޮފް ދަ ޔޫނިއަން ޙިތާބަކީ އޮބާމާގެ ސިޔާސީ ހަޔާތުގައި ދެއްވާނެ މިފަދަ ފަހު ޚިތާބެވެ. އިދިކޮޅު ރިބަޕްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ޤާނޫނު ހަދާ މަޖިލީސް ނުވަތަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ރިޔާސީ ދެދައުރުގައި އޭނާގެ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.މިގޮތުން އިޤްތިސާދީ ހީނަރުކަމުން އަރައިގަނެ އެގައުމުގެ ސިއްޙީ ދާއިރާއާއި ހަކަތައިގެ ދާއިރާތަކަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނެސްފައިވާކަން އޮބާމާ ފާހަގަކުރެއްވިއެވެ. އޮބާމާ ވަނީ އެމެރިކާގައި ތިމާވެއްޓާ ރައްޓެހި ނޫން ގޮތްގޮތުން އުފައްދާ ހަކަތަ ބޭނުންކުރުމުގެ އާދަ ދޫކޮށްލައި އިޔާދަކުރަނިވި ހަކަތައަށް މަރުޚަބާ ކިޔަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަކީ ސައިންސްގެ ދިރާސާތަކުން ބެލި ނަމަވެސް އަދި އިޤްތިސާދީ ގޮތުން ބެލި ނަމަވެސް އެންމެ ހަރުދަނާ ގޮތްކަން ސާބިތުވާނެކަންވެސް އޮބާމާ ވަނީ ފާހަގަކުރައްވާފައެވެ.މިއަހަރުގެ ސްޓޭޓް އޮފް ދަ ޔޫނިއަން ޙިތާބުގައި އެމެރިކާގެ ރައީސް ވަނީ އަވަށްޓެރި ކިއުބާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމަށް ކޮންގްރެސްއަށް ގޮވާލައްވާފައެވެ. 52 އަހަރަށް ފަހު އެމެރިކާއާއި ކިއުބާއާ ދެމެދު އޮންނަ ގުޅުން އަލުން ރުޖޫޢަ ކުރުމަށް ދެޤައުމުން އެއްބަސްވެފައި ވަނީ އޮބާމާ ރިޔާސަތުގެ ދެވަނަ ދައުރުގައި 2014 ވަނަ އަހަރެވެ. ހުސްވި 2015 ވަނަ އަހަރުވެސް މިކަމުގައި ދެ ގައުމުގެ ދެމެދު ގިނަ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި މިއަހަރު އޮބާމާ ކިއުބާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ.އޮބާމާގެ އެންމެ ފަހު ރިޔާސީ ބަޔާނުގައި ވަނީ ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތަށް ވަރުގަދަ އިންޒާރުތަކެއް ދެއްވާފައެވެ. އައި.އެސްއާއި އަލްޤައިދާ ފަދަ ޖަމާޢަތްތަކަކީ އެމެރިކާގެ ރައްޔިތުންގެ ސަލާމަތަށް ހުރި ސީދާ ނުރައްކަލެއް ކަމަށާއި މިފަދަ ޖަމާޢަތްތަކަކީ އެހެން މީހުންގެ ފުރާނަތަކާއި އެމީހުންގެ އަމިއްލަ ފުރާނައަށް ވެސް އެއްވެސް އަހަމިއްޔަތުކަމެއް ދޭ ބައެއް ނޫން ކަމަށް އޮބާމާ ވިދާޅުވިއެވެ. އަދި މިފަދަ ޖަމާޢަތްތަކުން ދަނީ އެމެރިކާއަށް ވާގިދޭ ޤައުމުތަކުގެ ސަލާމަތްތެރިކަންވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލަމުން ކަމަށާއި އެހެންކަމުން އައި.އެސް ފަދަ ޖަމާޢަތްތައް ހުއްޓުވަން ޖެހޭ ކަމަށް ވިދަޅުވިއެވެ. މިކަމުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީ ވެސް އޮބާމާ ފާހަގަކުރެއްވިއެވެ.އެންމެ ފަހު ސްޓޭޓް އޮފް ދަ ޔޫނިއަން ޙިތާބުގައި މުސްލިމުންނަށް އަމާޒުކޮށް އެމެރިކާގެ ސިޔާސީ ލީޑަރުން ދައްކަވަމުން ގެންދަވާ ވާހަކަތައް ކުށްވެރިކުރައްވަމުން އެމެރިކާގެ ރައީސް އޮބާމާ ވިދާޅުވީ، މިފަދަ ވާހަކަތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ދުނިޔޭގެ ނަޒަރުގައި އެމެރިކާގެ އަގު ވެއްޓެމުންދާ ކަމަށެވެ. އޮބާމާގެ ޚިތާބަށް ފަހު އިދިކޮޅު ރިޕަބްލިކަން ޕާޓީއިން ވަނީ އެމެރިކާގެ ސަރުކާރުން އިޤްތިސާދީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، ސިއްޙީ ދާއިރާއަށް ގެނެސްފައިވާ އިސްލާހީ ބަދަލުތަކަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.