ސިޔާސީ

އިބްރާހިމް ހުސެއިން ޒަކީ އެމްޑީޕީން ވަކިވެއްޖެ


ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ، އެމް.ޑީ.ޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަދި އެޕާޓީގެ
ނައިބުރައީސްކަން ވެސް ކުރައްވާފައިވާ އިބްރާހިމް ހުސެއިން ޒަކީ އެޕާޓީން ވަކިވެވަޑައިގެންފިއެވެ.




މިކަން އިއުލާން ކުރައްވާ އިބްރާހިމް
ހުސެއިން ޒަކީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާ އެމް.ޑީ.ޕީން
ވަކިވެވަޑައިގަތީ ދިރިއުޅުއްވުން ދާއިމީކޮށް ރާއްޖެއިން ބޭރަށް ބަދަލުކުރެއްވުމާއި
ގުޅިގެންކަމަށެވެ.



އެމް.ޑީ.ޕީގެ ވަގުތީ
ރައީސްކަންވެސް ކުރެއްވި އިބްރާހީމް ހުސެއިން ޒަކީ، މިއަދު  އެޕާޓީން
ވަކިވެފައިވާއިރު، އެނާ ވަނީ 2012 ވަނަ އަހަރު ސިޔާސީ ދާއިރާއިން ދުރަށްވަޑައިގެންނެވިކަން
އިއުލާންކުރައްވާފައެވެ.



ރައްޔިތުން މަޖިލީހާއި ޙާއްސަ މަޖިލީހުގެ
މެމްބަރުކަންވެސް ކުރައްވާފައިވާ އިބްރާހިމް ހުސެއިން ޒަކީ ވަނީ ރައީސް އިބްރާހީމް
ނާސިރާއި، ރައީސް މައުމޫނުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައިވެސް
ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާފައެވެ. ޒަކީ މިއަދު ނެރުއްވި ބަޔާނުގައި އެ
ތިން ރައީސުންނަށްވެސް ޝުކުރުއަދާކުރައްވާފައިވެއެވެ. 

މީގެ އިތުރުން ރައީސް
ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ވަރުގަދަ ކުރައްވާ ދިވެހި
ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވާނެކަމަށް
އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.