ޚަބަރު

ޔޫކްރެއިނުން މަޝްވަރާކުރާނެ، އެކަމަކު އަމާނެއް ނުދޭނެ


ތިންވަނަ ހަފުތާއަކަށް ދިގުލައިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތްކަމަށާއި ނަމަވެސް އަމާން ދޭން އެއްވެސް ވަރަކަށް ނުވިސްނާކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމީތުރޯ ކުލެބާ ވިދާޅުވީ ރަޝިޔާގެ ބިޔަ ލަޝްކަރުތަކާ ކުރިމަތިލުމަށް ޔޫކްރެއިނަށް ހަނގުރާމަމަތީ މަތިންދާބޯޓު ލިބިއްޖެނަމަ ޢާއްމުންގެ އެތައް ހާސް މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ. އަދި ޔޫކްރެއިނުން އޮތީ ހަނގުރާމަކުރުމުގައި ސާބިތުކަމާއެކުކަމަށާއި ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ރަޝިޔާއިން ކުރަމުންދާ ޝަރުތުތައް ބަލައެއް ނުގަނެވޭނެކަމަށްވެސް ކުލެބާ ވިދާޅުވިއެވެ. ނަމަވެސް ޔޫކްރެއިނަށް ހަނގުރާމަކުރެވޭނީ ގިނަ ޢަދަދެއްގެ ޒަމާނީ ހަތިޔާރު ލިބިގެންކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ.

އަވަށްޓެރި ބެލަރޫސްގެ ސަރަޙައްދުތައް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކަށް ޙަމަލާދިން ނަމަވެސް ޢަމަލީގޮތުން ހަނގުރާމައިގައި ބެލަރޫސުން ބައިވެރިވެދާނެކަމަށް ޤަބޫލުނުކުރައްވާކަމަށް ކުލެބާ ވިދާޅުވިއެވެ. ނަމަވެސް ހަނގުރާމައިގެ ތެރެއަށް ބެލަރޫސުން ވަނުމަށް ރަޝިޔާއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިކުރަމުންދާކަމަށް އޭނާވަނީ ތުޙްމަތުކުރައްވައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި 2.5 މިލިޔަން މީހުންގެ ގެދޮރުގެއްލިފައިވާކަމަށް ޔޫކްރެއިނުގެ ސަރުކާރުންވަނީ ބުނެފައެވެ.