ޚަބަރު

ގަވާއިދާއި ޚިލާފުވާނަމަ ޓެކްސީތަކުގެ ލައިސަންސް ބާތިލްކުރާނެ: ޓްރާންސްޕޯޓް


ޓެކްސީކުރުމުގައި ގަވާއިދާ ޚިލާފަށް ބޮޑު އަގު ނަގާ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ ލައިސަންސް ބާތިލްކުރާނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންއިން ދީފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިގޮތަށް ވިދާޅުވީ މާލެ ސަރަޙައްދުގައި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ގިނަ ސެންޓަރުތަކުން ގަވާއިދާއި ހިލާފަށް ބޮޑެތި އަގުތަކެއް ނަގަމުންދާ ދަނޑިވަޅެއްގައެވެ.

ޤަވާއިދާއި ހިލާފަށް ބޮޑެތި އަގުތައް ޓެކްސީ ޑްރައިވަރުން ނަގަމުންދާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި ޓެކްސީ ޚިދުމަތްދޭ 16 ޓެކްސީ ސެންޓަރަކުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ކުރުމުގައި ނަގާ އަގުތައް ބަދަލުކޮށްދިނުމަށް އެދި ސިޓީއަކުން ދަންނަވާފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ގިނަބައެއްގެ ޙައްގުތަކާއި ގުޅިފައިވާކަމަކަށްވާއިރު ހުރިހާ ފަރާތެއްގެ ޙައްގުތައް ހިމާޔަތްކުރުމަކީ ޤާނޫނުން މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވާކަމެއްކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން އަގުތަކަށް ބަދަލުގެނައުން ފިޔަވާ ޓެކްސީ ސެންޓަރުތަކުން އެދުނު ކަންކަމުގެ ތެރެއިން ވަގުތުން ފިޔަވަޅު އެޅޭނެ ހުރިހާކަމަކަށް މިނިސްޓްރީން ވަގުތުން އިޖާބަދޭނެކަމަށްވެސް ޓްރާންސްޕޯޓުގެ ބަޔާނުގައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޓެކްސީ ކުރުމުގައި އަގުތައް ކަނޑައެޅުމަކީ ޓެކްސީ ސެންޓަރުތަކަށް ކުރެވޭނެކަމެއް ނޫންކަމަށާއި އެއީ ޤާނޫނީގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އޮންނަ ބާރެއްކަމަށެވެ. އެހެންކަމުން ގަވާއިދާއި ޚިލާފަށް ޓެކްސީ ސެންޓަރުތަކުން އަގުތައް ކަނޑައަޅާ ބޮޑެތި އަގުތައް ޢާއްމުންގެ އަތުން ނަގަމުންދާނަމަ ޓެކްސީ ކުރުމުގެ ގަވާއިދުގައި ބަޔާންކުރާގޮތަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޓެކްސީ ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ގަވާއިދާ ޚިލާފުވާ ޓެކްސީ ސެންޓަރާއި ޑްރައިވަރުންގެ އަދަބަކީ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން އަދި ދެވަނަ ފަހަރަށްނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އަދި އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ އެފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ ޑިމާންޑަށް އިޖާބަ ނުދިނުމުން، މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު ހުޅުމާލެއާއި މާލެއާއި ގުޅޭ ހައިވޭ ބޭނުން ނުކުރެވޭނެހެން ބަންދުކޮށް އޭގެ ސަބަބުން ޢާއްމު ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެގެންދިޔަކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންނާއި ގުޅިފައިވާ އަސާސީ ޚިދުމަތަކަށްވާއިރު ކަންކަން ޙައްލުކުރުމުގައި މަޝްވަރާކުރުމުގެ މުހިއްމުކަން ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ގަވާއިދާ ޚިލާފަށް ބޮޑެތި އަގުތައް ނުނެގުމަށް އެމިނިސްޓްރީން ވަނީ މި ބަޔާނުގައިވެސް އިލްތިމާސްކޮށްފައެވެ.