ކުޅިވަރު

ސްޕޯޓްސް އެވޯޑަށް އިޓަލީގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރާއްޖެ އަންނަނީ


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާއަށް އިޓަލީގެ ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022އަށް ގިނަ ތަރިންތަކެއް ގެނައުމަށް ޔޫތު މިނިސްޓްރީން މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް ބައެއް ތަރިންގެ ނަންތައް ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ވަނީ އާންމުކޮށްފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރިހާ ކުޅިވަރެއް ޝާމިލުވެގެން ބޭއްވޭ ފުރަތަމަ ކުޅިވަރު އެވޯޑް ހަފްލާގައި އިޓަލީ އަށް އުފަން ފަބްރީޒިއޯ ރޮމާނޯ ބައިވެރިވާނެ ކަމަށް ނިންމައިފައެވެ. މިއެވޯޑަކީ ވަރަށް ފުރިހަމަ އެވޯޑަކަށް ހެދުމަށް ޔޫތު މިނިސްޓްރީއިންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

އިޓަލީގެ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯއަކީ މިލާންއަށް އުފަން ނުސްވެރިއެކެވެ. ކުޅިވަރު ނޫންވެރިންގެ ތެރެއިން ފަބްރީޒިއޯއަކީ އެންމެ އިތުބާރު ކުރެވޭ އެއް ނޫސްވެރިޔާއެވެ. ކުޅިވަރުގައި ނޫސްވެރިއެއްގެ ގޮތުން ފަބްރީޒިއޯ ރޮމާނޯވަނީ ގިނަ ޚަބަރުތަކާއި ގިނަ ބްރޭކިން ޚަބަރުތަކެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ ޓްރާންސްފަރ ހަބަރުތައް ފާހަގަކޮށްލެވެއެވެ. އަދި އެކި ގައުމުތަކުގެ ޓޯކް ޝޯތަކުގައި ވެސް ފަބްރީޒިއޯ ރޮމާނޯ އަންނަނީ ބައިވެރިވަމުންނެވެ. ރަސްމީކޮށް ސްކައި ސްޕޯޓްސްގައި މަސައްކަތް ކުރަމުން އަންނަ ފަބްރީޒިއޯ ވަރަށް އަވަހަށް މާލެ އަންނާނެކަމަށް ބެލެވެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިޔާ، ސްރީ ލަންކާގެ ކުރީގެ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖިނީ، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަނެއް އޮސްޓްރިއާގެ އަލްބިން އޮސްކަން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ކްރޮއޭޝިއާގެ ޓީޓީ ލެޖެންޑް ޒޯރާން ޕްރިމޯރަކް، އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ހިމެނެއެވެ. މީގެއިތުރުން ސްރީލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.