ޚަބަރު

ފާއިތުވި 3 ހަފްތާތެރޭގައި ރޫބަލްގެ އަގު 32 އިންސައްތަ ދަށަށް


ޔޫކްރެއިނަށް ޙަމަލާދޭން ފެށިފަހުން މިވީ 2 ހަފްތާގެތެރޭގައި މޮސްކޯ އެކްސްޗޭންޖުގައި ރޫބަލްގެ އަގު 3 ބައިކުޅަ 1 ބައި ވެއްޓިފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ވިލާތާއި އެކުވެރި ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭރުފައިސާ ލިބުން ދަތިވެފައިވުމާއި، ޢާއްމުންނަށް ބޭރު ފައިސާ ލިބުމަށް އޮތް މަގުތައް ރަޝިޔާ ސަރުކާރުން އިތުރަށް ހަނިކޮށްފައިވާތީ، ފައިސާގެ ބާޒާރުގައި ރޫބަލްގެ އަގު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ.

ރިޕޯޓުތަކުން ހާމަވާގޮތުން ފާއިވުތި 3 ހަފްތާތެރޭގައި ޑޮލަރުން ބަލާއިރު ރޫބަލްގެ އަގު 32 އިންސައްތަ އަދި ޔޫރޯއިން ބަލާއިރު 28 އިންސައްތަ ވެއްޓިފައިވެއެވެ. ފާއިތުވި ހަފްތާގައި މޮސްކޯ އެކްސްޗޭންޖުގައި ރޫބަލްގެ އަގު ވަނީ 8.1 އިންސައްތައް ދަށަށްގޮސްފައެވެ. އެ ހަފްތާގައި މޮސްކޯގެ އެކްސްޗޭންޖް ރޭޓު 114ގައި ހުރިއިރު، ބޭރުގެ ބިޑްތަކުގެ އެކްސްޗޭންޖް ރޭޓު ހުރީ ޑޮލަރަކަށް 125 އާއި 140 ރޫބަލްއާއި ދެމެދުގައެވެ. މާރިޗު 7ގައި ރޫބަލްގެ އެކްސްޗޭންޖު ރޭޓު 147އަށް ވެއްޓިފައިވާއިރު، މިއީ ފާއިތުވި 10 އަހަރުތެރޭގައިވެސް ނާންނަވަރުގެ ދަށްވުމެކެވެ. މުޅި އަހަރަށް ބަލާއިރު މޮސްކޯގައި ރޫބަލްގެ އަގު 39 އިންސައްތަ ވެއްޓިފައިވެއެވެ. އެހެންކަމުން މިއީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް އަގު ވެއްޓުމެންދާ ފައިސާކަމަށް ޚަބަރުތަކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ރަޝިޔާގެ ފައިސާގެ އަގު ބަރޯސާވެފައިވަނީ އެ ޤައުމަށް ދުނިޔޭގެ ބާޒާރުގައި އުފެއްދުން ވިއްކާނެ މާކެޓު އޮތުމުގެ މައްޗަށެވެ. އެގޮތުން ރަޝިޔާގެ މުދަލަށް ޑިމާންޑު އޮވެ، މުދާ ސަޕްލައިކުރެވޭނަމަ، ރޫބަލްގެ އަގު ހަމަޔަކަށްއެޅިގެންދާނެކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.

ރަޝިޔާގައި ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ކުރަމުންދާ މަޝްވަރާތަކުގެދަށުން އަންނަ ހަފްތާގައި މޮސްކޯ އެކްސްޗޭންޖާއި، މަރުކަޒީ ބޭންކުން، އެތެރޭގެ މުދާ ޓްރޭޑްކުރަން ފަށަންއުޅޭކަމަށް ރަޝިޔާގެ ނޫސްތަކުން ހާމަކުރެއެވެ. އަދި މަރުކަޒީ ބޭންކުން ވިޔަފާރިތަކަށް ބޭރު ފައިސާ ދިނުމުގެ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކުރިއަށްއޮތް 6 މަސްދުވަހު އެމެރިކާ ޑޮލަރާއި، ޔެންއާއި، ޕައުންޑާއި، ޔޫރޯ ބޭނުންވާ ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭނީ ގިނަވެގެން 5000 އެމެރިކާ ޑޮލަރަށްވާ ފައިސާކަމަށާއި އެއީވެސް ހަމައެކަނި ބައިނަލްއަޤްވާމީ ވިޔަފާރި މުޢާލަމާލްތައް ކުުރުމަށް ކަމަށް މަރުކަޒީ ބޭންކުން ވަނީ ކަނޑައަޅާފައެވެ.

ބޭރުގެ އެއްބަސްވުންތަކަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަށާއި، ފައިސާގެ އަގު ހިފެހެއްޓުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެބްރުއަރީމަހު ވަނީ މަރުކަޒީ ބޭންކުގެ އިންޓްރެސްޓް ރޭޓު 9.5 އިންސައްތައިން 20 އިންސައްތައަށް ބޮޑުކޮށްފައެވެ.