ކުޅިވަރު

މެޗަކުން ބަލިނުވެ، ސައިކްލޯން ގައުމީ ލީގުގެ ޗެންޕިއަންކަން ހޯދައިފި


ޤައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ސައިކްލޯން ހޯދައިފިއެވެ. މިލީގުގެ ޗެންޕިއަންކަން ސައިކްލޯނުން ހޯދީ ލީގުގެ އެންމެ ފަހު މެޗްގައި ކުއީންސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 89 ޕޮއިންޓް 47 ޕޮއިންޓުންނެވެ. ލީގްގެ ފަހު މެޗަށް ނިކުތްއިރު، އެންމެ ފަހުގެ ޗެންޕިއަން ކުއީންސް ބާސްކެޓް ބޯލް ކުލަބްގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައެވެ. އޭގެ ތެރޭގައި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އާމިނަތު ޝިއުރާ ޢަބްދުލްބާރީ އާއި ހައުމާ އުބެއިދުﷲ (ހައު) ހުރީ އަނިޔާގައެވެ. ލީގުގެ ފަހު މެޗްގައި އަނިޔާގައި ހުރުމުގެ ސަބަބުން ޝިއުރާގެ ބޭނުން އެއްވެސް ވަރަކަށް ހިފިފައެއް ނުވެއެވެ. އަދި ހައުމާ މެޗްގައި ކުޅެފައި ވަނީ އަނިޔާގައި ހުރެގެންނެވެ. ޝިއުރާ އާއި ހައުމާގެ އިތުރުން ރައިފާ އިބްރާހީމް، އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ހުރުމުން ރައިފާވެސް މިމެޗްގައި ކުޅުމުގެ ފުުރުސަތު ނެތެވެ.

ލީގްގެ ފަހު މެޗްއަށް ނިކުތްއިރު، މިދެ ޓީމުވަނީ މީގެ ކުރިން ލީގުގައި ވާދަކޮށްފައެވެ. 2 ޕޮއިންޓްގެ ތަފާތުން އެމެޗް ކާމިޔާބުކޮށްފައިވަނީ ސައިކްލޯންއިންނެވެ. އެއީ 62 ޕޮއިންޓް 64 ޕޮއިންޓުންނެވެ.
ރޭގެ މެޗަށް ނިކުމެ މޮޅަށް ކުޅެފައިވަނީ ސައިކްލޯންއިންނެވެ. މިމެޗްގައި ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ އަދި މިމުބާރާތުގައި ކުޅޭ ހަމައެކަނި ބިދޭސީ ކުޅުންތެރިޔާ އަނާ ބޮރޮންޔަކްގެ ފަރާތުން މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި އެޓީމުގެ ޝައިލާން އަފްޒަލާއި މަރިޔަމް ސަފްވާންގެ ފަރާތުންވެސް މެޗްގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗްގެ ފުރަތަމަ ކުއަޓަރ ނިމުނުއިރު 3 ޕޮއިންޓްގެ ތަފާތުން ލީޑް ކުރަމުންދިޔައީ ސައިކްލޯންއިންނެވެ. އެއީ 21 ޕޮއިންޓް 19 ޕޮއިންޓުންނެވެ. މެޗްގެ ފުރަތަމަ ކުއަޓަރ ވަރަށް ވާދަވެރިކޮށް ދިޔަ ނަމަވެސް، މެޗްގެ ފަހު 3 ކުއަޓަރގައި ސައިކްލޯންއިން ވަނީ ތަފާތު ދައްކާ ބޮޑު ލީޑެއް ނަގާފައެވެ.

މިމެޗްގައި ޝިއުރާ އާއި ރައިފާ ނެތްތަން ވަރަށް ބޮޑަށް ކުއީންސްއަށް ދެއްކިއެވެ. އަދި އަނިޔާގައި ހުރެގެން ކުޅެން ޖެހުމުގެ ސަބަބުން ހައުމާއަށް މެޗްގައި މާރަގަނޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މެޗް ކުރިއަށްދިޔަ ވަރަކަށް ސައިކްލޯއިން ލީޑް ފުޅާ ކުރަމުންދިޔައެވެ. އެގޮތުން މެޗްގެ ދެވަނަ ކުއަޓަރ ނިމުނުއިރު، އެޓީމުންވަނީ 43 ޕޮއިންޓް 30 ޕޮއިންޓުން ލީޑްކޮށްފައެވެ. މެޗްގެ ތިންވަނަ ކުއަޓަރގައި ސައިކްލޯންއިން 21 ޕޮއިންޓް ހޯދާފައިވާއިރު، ކުއީންސްއަށް ހޯދުނީ 8 ޕޮއިންޓެވެ. އަދި މެޗްގެ ފަހު ކުއަޓަރގައި ސައިކްލޯންއިން 25 ޕޮއިންޓް ހޯދާފައިވާއިރު، ކުއީންސްއަށް ހޯދުނީ 9 ޕޮއިންޓެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޗެންޕިއަން ސައިކްލޯންގެ ޝައިލާން، ސަފްވާ، ކުއީންސްގެ ޝިއުރާ، ބެންޗުގެ އިސްރާޢުގެ އިތުރުން އެލީޓްގެ އިނާޝާއެވެ.