ތަޢުލީމު

އެކުވެރިކަމުގެ ސިފަތައް ކުރިއަށް ނެރުން މުހިއްމު - މިނިސްޓަރ


ދިރާސީ އައު އަހަރަކަށް ކުރިމަތިލާއިރު، ނަތީޖާ ޙާސިލުކުރުމަށް މަސައްކަތްކުރުމާއެކު، އެކަކު އަނެކަކަށް މަދަދުވެރިވުމާއި، އެކުވެރިކަމުގެ ސިފަތަށް ކުރިއަށް ނެރުމަށް ދަރިވަރުންގެ ކިބައިން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް އިލްތިމާސްކުރައްވައިފިއެވެ. އެކަމަނާ މިކަމަށް އިލްތިމާސްކުރެއްވީ، 2016 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، ތަޢުލީމީ ގޮތުން އައު އަހަރަކަށް ދަރިވަރުން ކުރިމަތިލާއިރު، ލިބިފައިވާ ފުރުސަތުގެ އަގުވަޒަންކުރުމާއެކު، އެ ފުރުސަތަކީ ތަކުރާރު ކުރެވެންނެތް ފުރުސަތެއްކަން ޤަބޫލުކޮށް، ދިރިއުޅުން ބާއްޖަވެރިކުރުމަށް ހިތްވަރާއެކު ކޮންމެ ދަރިވަރަކުވެސް މަސައްކަތް ކުރަންޖެހޭކަމަށެވެ. މިނިސްޓަރގެ ޚިތާބުގައި ތަޢުލީމީ ރޮނގުން މިއަހަރުގެ ތެރޭ ދަރިވަރުންނަށް ހުޅުވާލެވޭނެ އަގުހުރި ފުރުސަތުތަކުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެންމެ ކުއްޖެއްވެސް ބާކީނުކޮށް، ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ތަރުބިއްޔަތު ޔަޤީންކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މިއަހަރުވެސް ގިނަ އިތުރު ފުރުސަތުތަކެއް ދަރިވަރުންނަށް ތަނަވަސް ކޮށްދެވިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން މަތީ ތަޢުލީމުގެ މަރުހަލާއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު މި އަހަރުގެ ތެރޭގައިވެސް ހުޅުވާލެވިގެންދާނެކަމަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށްވެސް އެހެން ކުދިންނާއި ޝާމިލުވެގެން ކިޔެވޭނެ ފުރުޞަތު އިތުރަށް ފަހިކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވީ، ޢިލްމީގޮތުން ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ އިތުރަށް، ކުޅިވަރުގެ ދާއިރާއިން އިތުރަށް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ތަނަވަސްކޮށްދެއްވާނެކަމަށެވެ. އެގޮތުން ސްޕޯރޓްސް ސްކޮލަރޝިޕެއް އަތޮޅުތަކުގެ ދަރުވަރުންނަށް ތަޢާރަފުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ތަޢުލީމީ ސިޔާސަތުގައި ހިމެނޭ ވަޢުދުތައް ފުރިހަމަވަމުން އަންނަކަން ފާހަގަކުރައްވާ، އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ޢިލްމީ ޤާބިލު ހަރުދަނާ ދިވެހިރައްޔިތުންތަކެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ސްކޫލްތަކުން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުވާނީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ގުޅުން އިތުރުކުރެވިގެންކަމަށާއި، ޚާއްސަކޮށް ސްކޫލާއި ބެލެނިވެރިންގެ ގުޅުން ހަރުދަނާކުރެވިގެންކަން މިނިސްޓަރގެ ޚިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.