ކުޅިވަރު

ތައިލެންޑް މުބާރާތަށް ގައުމީ ފުޓްސެލް ޓީމް ފުރައިފި


ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވިޓޭޝަނަލް ކަޕެއްގައި ބައިވެރިވުމަށް ޤައުމީ ފުޓްސެލް ޓީމް އެގައުމަށް ފުރައިފިއެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކުގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްސެލް ޓީމުން ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވާނެއެވެ. މިމުބާރާތް ތައިލެންޑްގައި ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. މިމުބާރާތުގައި ގުރޫޕް އޭގައި ރާއްޖޭގެ އިތުރުން ވާދަކުރުމަށް ހަމަޖެހިފައިވަނީ އޮމާނެވެ. ގްރޫޕް ބީގައި ހިމެނެނީ އީރާން، މިޔަންމާ އަދި މޮންގޯލިއާއެވެ.

ތައިލެންޑްއަށް ފުރި ޓީމްގައި ހިމެނެނީ 3 ގޯލް ކީޕަރުންނަކީ އިސްމާޢިލް ފާތިހު، ޒައިދާން އަހުމަދު، ޢަބްދުﷲ ނާސިޙެވެ. ދެ މިޓީމުގައި ހިމެނެނީ ސާމިން މުޙައްމަދު، އިޝާން އިބްރާހީމް، ހުސެއިން ޝަރީފް، މުޙައްމަދު އިމްރާން، ޢަބްދުﷲ ޝާހިއު، ޢަލީ ހާފިޒް، ހުޒެއިފަތު ރަޝީދު، ޢަބްދުﷲ ޝައްފާން، މުޙައްމަދު ޔަފާޢު، ހުސެއިން ސުހެއިލް އަދި ހަސަން ނިމާލެވެ. މިޓީމްގެ ހެޑް ކޯޗަކީ ޢަބްދުﷲ ނަސީރުއެވެ. އެސިސްޓަންޓް ކޯޗަކީ އަހުމަދު ވިޝާން އާއި އަހުމަދު ނިޔާޒެވެ. މިޓީމްގެ މެނޭޖަރަކީ އަހުމަދު ގާސިމެވެ.

ތައިލެންޑަށް ގައުމީ ޓީމް ކުރަމުންދާ ދަތުރަކީ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. ކޮލިފައިން މެޗްތައް ކުރިއަށްދާނީ ކިރްގިސްތާންގައެވެ. ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ ގުރޫޕް އޭގައެވެ. މި ގުރޫޕްގައި ހިމެނެނެނީ ރާއްޖޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން، އީރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން ދެވަނަ ބުރަށް ދަތުރުކުރާނީ 15 ޓީމެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭއިން ދެވަނަ ބުރަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިން ރާއްޖޭގެ ކުޅޭ ފުރަތަމަ މެޗްގައި ރާއްޖެ ނިކުންނާނީ އިރާނާއި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ދެވަނަ މެޗްގައި ރާއްޖެއިން ނިކުންނާނީ ކިރްގިސްތާނައި ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 11 ދުވަހުއެވެ. ގުރޫޕްގެ ފަހު މެޗްގައި ރާއްޖެއިން ވާދަކުރާނީ ތުރުކުމަނިސްތާނާއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12ވަނަ ދުވަހުއެވެ.