ދުނިޔެ

ޔަމަނުގެ ހަނގުރާމައިގެ ޒިންމާ ނަގަން ޖެހޭނީ އީރާން- ރައީސް ހާދީ


ޔަމަނުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ޒިންމާ ނަގަން ޖެހޭނީ އީރާނާއި އެޤައުމުން ވާގިދޭ އިދިކޮޅު ހޫޘީ ޖަމާޢަތުން ކަމަށް ޔަމަނުގެ ރައީސް ޢަބްދުއްރައްބޫ މަންޞޫރު ހާދީ ވިދާޅުވެއްޖެއެވެ.ޔަމަނުގެ ލަހްޖް ޕްރޮވިންސްގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޔަމަނުގެ ރައީސް ހާދީ ވިދާޅުވީ، ޔަމަނުގެ ސަރުކާރުން އެގައުމުގައި ދާޚިލީ ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާ ޔަމަނުގެ ސަރުކާރުން ބޭނުންވަނީ އެގައުމުގައި ސުލްޙަ ޤާއިމުކުރުމަށް ކަމަށެވެ.ހާދީ ވަނީ ޔަމަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.ޔަމަނުގެ ރައީސް ވިދާޅުވީ، 1994 ވަނަ އަހަރުން ފެށިގެން އީރާނުން ދަނީ ހޫޘީ ހަނގުރާމަވެރިން ތަމްރީނު ކުރަމުން ކަމަށާ އީރާނުން ހޫޘީންނަށް ތާޢިދުކުރަނީ އެގައުމުގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ކަމަށެވެ. މީގެ 9 މަސް ދުވަސް ކުރިން ޔަމަނުގައި ފެށި ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 5 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.