ޚަބަރު

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނަށް 100 ބިލިޔަން ޑޮލަރުގެ ގެއްލުމެއް


ފާއިތުވި ތިން ހަފުތާގެ ތެރޭގައި ރަޝިޔާއިން ދީފައިވާ ވަރުގަދަ ޙަމަލާތަކުގައި ޔޫކްރެއިނަށް 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ އެންމެ އިސް އިޤްތިޞާދީ މުޝީރު އޯލެގު އުސްތެންކޯ ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ދީފައިވާ ޙަމަލާތަކުގައި އެ ޤައުމުގެ އުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެ ޤައުމުގެ %50 ވިޔަފާރި ހުއްޓުމަކަށް އައިސްފައިވާކަމަށް އުސްތެންކޯވަނީ ވިދާޅުވެފައެވެ. އަދި ބާކީ %50 ވިޔަފާރިތައްވެސް ހިންގަމުންދަނީ އެންމެ އެދެވޭ ގޮތެއްގައި ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނު އާރާސްތުކުރެވިދާނެ ގޮތްތަކާމެދު ވާހަކަ ދައްކަވަމުން އުސްތެންކޯ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ހިފަހައްޓާފައިވާ މުދަލާއި ފައިސާ ބޭނުންކުރެވިދާނެކަމަށެވެ. އޭގެ ތެރޭގައި ރަޝިޔާގެ މަރުކަޒީ ބޭންކާއި އެ ޤައުމުގެ މަހުޖަނުންގެ މުދަލާއި ފައިސާ ހިމެނެއެވެ. އަދި ޔޫކްރެއިނުގެ ބޭންކިން ނިޒާމު އަދިވެސް ރަނގަޅަށް މަސައްކަތްކުރާކަމަށާއި އެ ޤައުމުގެ ރިޒާވުގައި 27 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުރިކަމަށް އުސްތެންކޯ ވިދާޅުވިއެވެ. ހަނގުރާމައިގެ ކުރިން އެ ޤައުމުގެ ރިޒާވުގައި 30 ބިލިޔަން އެމެރިކާ ޑޮލަރު ހުއްޓެވެ.

ޔޫކްރެއިނުގެ އުމުރާނީ ތަރައްޤީއާބެހޭ ވަޒީރު އޮލެކްސަންދަރު ކުބުރަކޯފް މީގެ ކުރިން ވިދާޅުވެފައިވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ބޭރުގެ އެހީއާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި ޤައުމު އާރާސްތުކުރެވޭނެކަމަށެވެ.