ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާއި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުތަކުން އެ ދެ ޓީމުވެސް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ޖަރުމަންގެ ބަޔާން މިއުނިކް ވަނީ ނޯވޭގެ ބޯޑޯ ގްލިމްޕް އާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ހަތްދިހަ ފަސް ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. މިއީ މުސިއާލާ މި ސީޒަނުގައި ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މުސިއާލާ މި މެޗުގައި ޖެހި ލަނޑަކީ ޔޫރަޕްގެ ޕްރިމިއާ ކްލަބް މުބާރާތެއްގައި ބަޔާން މިއުނިކް އިން ޖެހި 900 ވަނަ ލަނޑެވެ. އެ ކްލަބަށްވުރެ ގިނައިން ޔޫރަޕްގެ މުބާރާތެއްގައި ލަނޑު ޖަހާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ފުޅާ ކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި އަލްފޮންސޯ ޑޭވީސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ފަހު ދެ ލަނޑަކީ މެޗުގެ 83 ވަނަ މިނިޓުގެ އިތުރުން އިންޖަރީ ވަގުތުގެ ކުޅުމުގައި މައިކަލް އޮލީސޭ ކާމިޔާބުކޮށްދީފައިވާ ދެ ލަނޑެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަޒަރުބައިޖާންގެ ސަބާ އަތުން މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއީ 2020 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ މެޗަކުން އެ ޓީމު މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި މެތިއުސް ކޫނިއާ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދަދީފައެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ޔުނައިޓެޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ލިސަންދްރޯ މާޓިނޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު މި މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށްފަހު އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑް ނިކުންނާނީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.