ދިރާގު ދިވެހި ޕްރިމިއާ ލީގަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ނުކުންނައިރު، އެ ޓީމަށް ދިމާވާނެ މައްސަލައަކީ ސްކޮޑުގައި ކުޅުންތެރިން މަދުވުމުގެ މައްސަލަ ކަމަށް ވިކްޓްރީގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
މި ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމަކީ ވިކްޓްރީއެވެ. އެ ޓީމުން ވަނީ ސްކޮޑް ވަރުގަދަ ކުރުމަށް ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފައެވެ. އަދި އެ ޓީމުން ވަނީ މި ސީޒަނަށް ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނަސްފައެވެ.
މީގެ އިތުރުން ވިކްޓްރީއިން ވަނީ ލީގުގެ ކުރިން ސްރީލަންކާގައި ކޭމްޕްވެސް ކޮށްފައެވެ. މި ކޭމްޕްގެ ތެރެއިން އެ ޓީމުން ވަނީ މެޗުތަކެއް ކުޅެފައެވެ.
ޓީސީއާ ދެކޮޅަށް ލީގުގައި ކުޅޭ ފުރަތަމަ މެޗުގެ ކުރިން ޝިޔާޒް ބުނީ ވިކްޓްރީން ލީގަށް ނުކުންނަނީ ސީދާ ތައްޓަށް އަމާޒު ހިފައިގެން ކަމަށެވެ. އަދި ލީގު ފަށާނީ ވެސް ގިޔަރު މަތިކޮށް ކަމަށް ޝިޔާޒް ފާހަގަކުރިއެވެ.
ޝިޔާޒް ބުނީ ބޮޑު ސީޒަނަކަށް ނުކުންނައިރު، ވިކްޓްރީގައި މާ ބޮޑު ސްކޮޑެއް ނެތް ކަމަށެވެ. އެގޮތުން އެ ޓީމުގެ ސްކޮޑުގައި ސީނިއާކޮށް ތިބީ 15 ވަރަކަށް ކުޅުންތެރިންކަމަށެވެ. މި ވަރުގެ ސީޒަނަކަށް ނުކުންނައިރު، ކާޑާ އަދި އަނިޔާގެ މައްސަލަ އައިސްފި ނަމަ އޭގައި ވިކްޓްރީއަށް އޮތް ގެއްލުން ބޮޑު ކަމަށެވެ.
ޝިޔާޒް ބުނީ މި ސީޒަނުގައި އޭނާ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވާނެ ކަމަށެވެ. އެގޮތުން ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅުން އެއީ ވަރަށް ކުރިއްސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.
ވިކްޓްރީއިން ލީގުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައެވެ.