ޚަބަރު

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 5ވަނަ ބައްދަލުވުން ނިންމާލައިފި


ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ އެން.އެސް.އޭ. ލެވެލްގެ ފަސްވަނަ ބައްދަލުވުން ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ބައްދަލުވުން ބާއްވާފައިވަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ. މިފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމެވެ. މިފަހަރުގެ މި ކޮންކްލޭވްގައި ވަނީ މިކަންކމަުގެ އިތުރުން ހާދިސާގެ ވަގުތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅެގޮތުންވެސް މަޝްވަރާކޮށްފައެވެ.

މި ކޮންކްލޭވް ނިންމާލާފައިވަނީ މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅައިގެންނެވެ. އަދި މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ބާރު އަޅާފައެވެ.

މި ކޮންކްލޭވްގެ ފައުންޑިންގ މެންބަރުންގެ ގޮތުގައި ހިމެނޭ އިންޑިޔާއާއި ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ވަފްދުތަކުގެ އިތުރުން ކޮންކްލޭވާ އަލަށް ގުޅުނު މޮރިޝަސްއިން ވަނީ ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝާއި ސީޝެލްސްއިން ވަނީ އޮބްޒާވަރ ޤައުމުތަކުގެ ގޮތުގައި މި ބައްދަލުވުންތަކުގައި ބައިވެރިވެފައެވެ.