ޚަބަރު

ފަނޑިޔާރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭ ބިލު ރައީސް ތަސްދީޤްކުރައްވައިފި


އަންހެން ފަނޑިޔާރުން ވިހެއުމުން ދެމުންގެންދާ ޗުއްޓީ 6 މަސް ދުވަހަށް އިތުރު ކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ މާރިޗު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް 64-1 މާއްދާ އިތުރު ކުރައްވާފައިވެއެވެ.

އެ މާއްދާގައި ބުނާގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ޙައްޤު، ކޮންމެ ފަނޑިޔާރަކަށްމެ ލިބިގެންވެއެވެ. އަދި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ އަކީ މުސާރަ ހިނގާ ގޮތަށް ދެވޭ ޗުއްޓީއެއް ކަމަށާއި މި ޗުއްޓީގެ މުއްދަތަކީ އަންހެން ފަނޑިޔާރަކަށް 6 މަސް ދުވަސް އަދި ފިރިހެން ފަނޑިޔާރަކަށް 1 މަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ޙައްޤު ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގެ ހަމަހަށް އިތުރުކުރުމަކީ ރައީސް ޞާލިޙްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތެވެ.