ޚަބަރު

ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޔޫއޭއީން ތެދުވުމުން، ތެލުގެ އަގު ދަށަށް


އޮޕެކާއި އެކުވެރި ޖަމާޢަތްތައް ހިމެނޭ އޮޕެކް ޕްލަސްއިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޔޫއޭއީން ބާރުއެޅުމުން، ބާޒާރުގައި ތެލުގެ އަގު ދަށްވެއްޖެއެވެ.

ފާއިތުވި 2 އަހަރުތެރޭގައި އެންމެ ބޮޑަށް ތެލުގެ އަގު ދަށަށް ދިޔަކަމަށް ރެކޯޑުކުރެވިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން ބުދަ ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 12 އިންސައްތައަށްވުރެ ބޮޑަށް ތިރިވެފައެވެ. މިއީ ފާއިތުވި ހަފްތާތަކުގައި ތެލުގެ އަގު މަޑުޖެހުމެއްނެތި އުފުލެމުން ދިޔަދިއުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ދާއިރާގެ މާހިރުން ބުނެއެވެ.

ތެލުގެ އަގަށް އައި ބަދަލަށް ބަލާއިރު ބްރެންޓް ކްރޫޑް ފީފާއަކުން 17 ޑޮލަރު އަގުހެޔޮވެފައިވެއެވެ. އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިއެޓް ކްރޫޑް ފީފާއަކުން 15 ޑޮލަރަށްވުރެ ބޮޑަށް އަގުހެޔޮވެފައިވެއެވެ. ތެލުގެ އަގު ދަށަށްދިއުމާއެކު ބައެއް މަޢުދަންތަކުގެ އަގުވެސް ވަނީ ދަށަށްގޮސްފައެވެ. އެގޮތުން ރަނުގެ އަގު 3 އިންސައްތަ ދަށްވެފައިވާއިރު، ޕެލޭޑިއަމްގެ އަގު 7.5 އިންސައްތަ ދަށަށްގޮސްފައިވެއެވެ. ނަމަވެސް ލަންޑަން މެޓަކް އެކްސްޗޭންޖަށް ކުރިމަތިވި ޝޮކުގެ ސަބަބުން، ނިކެލްގެ ވިޔަފާރި އަދިވެސް ވަނީ ބަންދުކޮށްފައެވެ.

ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސްފައިވަނީ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސްގެ މެމްބަރު ޤައުމެއް ކަމަށްވާ ޔޫއޭއީން، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެއްބާރުލުންދޭނެކަމަށް ބުނުމުންނެވެ. އެ ޤައުމުން ވަނީ ބާޒާރުގައި ތެޔޮ ލިބުން ދަތިވުމާއި، އަގު އުފުލެމުންދިއުން ކޮންޓްރޯލްކުރުމަށްޓަކައި، އޮޕެކް ޖަމާޢަތަށް އުފެއްދުން އިތުރުކުރުމަށް ގޮވާލާފައެވެ. މިކަމާއި ގުޅޭގޮތުން ޔޫއޭއީގެ ހަކަތައާއިބެހޭ ވަޒީރު ސުހައިލް އަލް މަޒްރޫޢީ ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ، އޮޕެކުން ތެލުގެ ބާޒާރުގައި އޮންނަ ހިއްސާގެ މުހިއްމުކަން ޤަބޫލުކުރައްވާކަމަށެވެ. އަދި ޑިމާންޑާއި އެއްވަރަށް ތެޔޮ ސަޕްލައި ކުރުމަށްޓަކައި ވަޞީލަތްތައް ހުރި ޤައުމުތަކުގެ އުފެއްދުން އިތުރުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

އޮޕެކުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ނައިޖީރިއާއާއި، އަންގޯލާއާއި، މެލޭޝިޔާ ހިމެނޭހެން ބައެއް ޤައުމުތަކުން މިދިޔަ އަހަރުއްސުރެ އެއްބަސްވެފައިވާ މިންވަރަށް ތެޔޮ އުފައްދަމުންދާ ނުދާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިހާރަށް ބަލާއިރު ތެލުގެ އެންމެ ތިޔާގި ކެޕޭސިޓީއެއް ހުރީ ސަޢުދީ އާއި ޔޫއޭއީގައެވެ. އެހެންކަމުން އެ ޤައުމުތަކުން އެއްބަސްވެއްޖެނަމަ ޑިމާންޑާއި އެއްވަރަށް ވަގުތުން ތެޔޮ ބޭރުކުރެވޭނެކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ވޯލްޑް ބޭންކުގެ އޮފިޝަލުން ހާމަކުރައްވާގޮތުން ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް އުފުލެމުންދާނަމަ ޗައިނާއާއި، އިންޑޮނޭޝިއާއާއި، ތުރުކީވިލާތާއި، ދެކުނު އެފްރިކާ ފަދަ އިޤްތިޞާދުތަކުގެ ދުވެލި، ފުރިހަމަ ޕަސެންޓޭޖް ޕޮއިންޓަކުން ދަށަށްދާނެއެވެ. ނަމަވެސް ރަޝިޔާއާއި ޔޫކްރެއިނުގެ މަޝްވަރާތަކަށްފަހު ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެނަމަ، ތެލުގެ ބާޒާރަށް އިންވެސްޓަރުންގެ ޝަޢުޤު އަލުން އެނބުރޭނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.