ތަޢުލީމު

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި


ހަތްދިހަ ފަސްހާހަށް ވުރެ ގިނަ
ދަރިވަރުންނާއެކު 2016 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ
ހުރިހާ ސްކޫލްތަކެއްގައި ފަށައިފިއެވެ.



މިއަހަރުގެ ދިރާސީ އާ އަހަރުގެ
ކިޔެވުން ފެށިގެންދާއިރު، ތަޢުލީމީ ނިޒާމްގެ ތެރެއިން ފެނިގެންދާނެ އެންމެ ބޮޑު
ބަދަލަކީ ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއްކަން ޢަމަލުކުރުން ފެށުމުގެ
އިތުރުން، އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ހުރިހާ ސްކޫލްތަކެއްގައި ޕްރީ
ސްކޫލް ކްލާސްތައް ތަޢާރަފުކުރުމެވެ.



2016 ވަނަ އަހަރުގެ ދިރާސީ
އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށާފައިވާއިރު، ގްރޭޑް
އެކަކުން ފެށިގެން ބާރައާއި ހަމައަށް ހަތްދިހަ ފަސް ހާސް ފައްސަތޭކައަށް ވުރެ ގިނަ
ދަރިވަރުން މިއަހަރު ތަޢުލީމް ހާސިލުކުރަމުންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން
ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި މާލޭގެ ސްކޫލްތަކުގައި އަށާވީސް ހާސް
ފައްސަތޭކައަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާނެއެވެ. އަދި އަތޮޅުތަކުގެ
ސްކޫލްތަކުގައި ސާޅީސް ހަތްހާސް ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާނެކަމަށް
އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.



މިއަހަރުގެ ދިރާސީ އަހަރުގެ
ކިޔެވުން ފަށާފައިވާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާވަނީ ޒަމާނާ އެއް ފެންވަރުގެ
ބަދަލުތަކަކާއި ދިމާލަށް މިސްރާބުޖަހާފައިކަމަށް ދެންނެވިދާނެއެވެ. އެއީ
ޢިލްމީގޮތުންނާއި މަސައްކަތުގެ ގޮތުން ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް
ސަރުކާރުން މެދުކެނޑުމެއްނެތި ކުރައްވަމުންގެންދަވާ މަސައްކަތުގެ ސަބަބުންނެވެ.
އެގޮތުން ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، ކީ-ސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް
4،5، އަދި 6 ގެ ދަރިވަރުން ކިޔަވަމުންގެންދާނީ، މިހާރު ޢަމަލުކުރަމުންދާ ޤައުމީ އާ
މަންހަޖުގެ ދަށުން ތައްޔާރުކޮށްފައިވާ ފޮތްތަކުންނެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ.
ޢައިޝަތު ޝިހާމް ވިދާޅުވީ، މި ބަދަލާއެކު ފައުންޑޭޝަން ސްޓޭޖުން ފެށިގެން
ކީ-ސްޓޭޖް ދޭކާ ހަމައަށް ހިމެނޭ ހުރިހާ ގްރޭޑަކަށް މަދުރަސީ ތަޢުލީމުގެ އާ
މަންހަޖު ފުރިހަމައަށް ތަންފީޒުކުރެވިގެންދާނެކަމަށެވެ.
ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު
ރަނގަޅުކޮށްދިނުމުގެ ގޮތުންވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ވަނީ
މުހިއްމު މަސައްކަތެއް ކުރައްވާފައެވެ. އެގޮތުން މިއަހަރު ސްކޫލްތަކުގައި
ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންނަކީވެސް ޑިޕްލޮމާއިން ފެށިގެން މަތީ ސަނަދުތައް
ޙާސިލުކޮށްގެން ތިބި ޓީޗަރުންގެ ގޮތުގައި ތަމްރީން ކޮށްފައިވާ ޓީޗަރުންތަކެއްކަން
ފާހަގަކުރައްވާ، ޓީޗަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކުރެއްވުމަށް އަދިވެސް އިތުރު
މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.




މީގެ އިތުރުން ފުރަތަމަ ފަހަރަށް
ރާއްޖޭގެ ސްކޫލްތަކަށް ތަޢާރަފުކުރާ ޕްރިންސިޕަލުންގެ އަތްމަތީފޮތް މިހާރު
ތައްޔާރުކޮށް ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
އަދި މިފޮތް މިއަހަރުގެ ދިރާސީ އަހަރާއެކު ސްކޫލްތަކުގައި
ބޭނުންކުރަންފަށާނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ. މި ފޮތަކީ
ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ، ސްކޫލްތަކުން ނިންމާ ނިންމުންތައް
ހަލުވިކޮށް، ބެލެނިވެރިންނާއި ސްކޫލާއި ދެމެދު އޮންނަ ގުޅުން އިތުރަށް
ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ތަޢާރަފުކުރާ ފޮތެކެވެ.