ޚަބަރު

ތިނަދޫގައި ތަރައްޤީކުރާ ސަރަހައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތް ފަށައިފި


ގދ. ތިނަދޫގައި ތަރައްޤީކުރާ ސަރަހައްދީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

ގދ.ތިނަދޫ ސަރަޙައްދީ ބަނދަރު ބެލެހެއްޓުން ހަވާލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިންނެވެ. ބޭރުން އަންނަ ބޯޓުފަހަރަށް ސީދާ ޚިދުމަތް ދެވޭ ފެންވަރުގެ ސަރަޙައްދީ ބަނދަރެއް ހުވަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2020ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔައީ ބަނދަރު ފުންކުރުމާއި ބަނދަރު ސަރަޙައްދުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޯޓްގެ ފެންސް ޖެހުމުގެ މަސައްކަތެވެ.

މަޝްރޫޢުގެ ބޮޑު މަސައްކަތްތަކެއް ހިމެނެނީ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައެވެ. އެމްޓީސީސީން މިހާރު ވަނީ ޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ.

ތިނަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ޕޯޓުގެ އިދާރީ އޮފީސް އިމާރާތްކުރުމާއި، ގުދަން ހެދުމާއި ވަރކްޝޮޕް އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި މީގެއިތުރުން ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި ފެންޑަރާއި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން ގާޑް ހައުސް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫޢުއަކީ 17.86 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

މިފަދަ ޕޯޓެއް ހުވަދުއަށް މުހިންމު ވަނީ ހުވަދުއަކީ އިޤްތިޞާދީ ހަރަކާތްތައް ގިނަ ސަރަޙައްދަކަށްވާތީއެވެ. އަދި އެހެން ޕޯޓުތަކުން އެ ސަރަޙައްދަށް މުދާ ގެންދިއުމަށް ބޮޑު ހޭދައެއް ކުރެއެވެ.

ރާއްޖޭގައި ދެކުނުގައި ބޭނުންކުރަމުންދަނީ އައްޑޫގެ ޕޯޓެވެ. ނަމަވެސް ސަރުކާރުން ހުވަދޫގައި ޕޯޓް ތަރައްޤީކުރުމަށް ނިންމީ އެ ސަރަޙައްދަށް އިޤްތީސާދީ އިތުރު ފުރުޞަތުތައް ގެނެސް، ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވައިދިނުމަށެވެ. ތިނަދޫ ޕޯޓް ހިންގާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޓް އެމްޕީއެލްގެ ބެލުމުގެ ދަށުންނެވެ.

ސަރަޙައްދީ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ހިތަދޫ ޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އަދި އެމްޕީއެލްގެ މާލޭގެ ޕޯޓް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުވެސް ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.