ޚަބަރު

ބެލެރޫސްގެ ބޮޑެތި ބޭންކުތަކަށް ފިޔަވަޅުއަޅައިފި


ރަޝިޔާއާއި ޔޫކްރެއިނުގެ ހަނގުރާމައާ ގުޅިގެން ވިލާތުގެ ކޮމިޝަނުން އެންމެ ފަހުން ފިޔަވަޅު އަޅާފައިވާ ތަންތަނުގެ ތެރޭގައި ބެލެރޫސްގެ ބޮޑެތި ބޭންކުތައް ހިމެނިއްޖެއެވެ.

ބުދަދުވަހު ރަޝިޔާއާ ގުޅުންހުރި އިތުރު ފަރާތްތަކާއި ތަންތަނަށް ވިލާތުގެ ކޮމިޝަނުން ފިޔަވަޅު އަޅާފައިވާއިރު، ބެލޭރުސްގެ މަރުކަޒީ ބޭންކާއި، އިތުރު 3 ބޭންކަކަށް ވަނީ ފިޔަވަޅުއަޅާފައެވެ. އެގޮތުން މަރުކަޒީ ބޭންކުގެ މުޢާމަލާތްތައް ހުއްޓުވައި، ސްވިފްޓް ވިއުގައިން 3 ބޭންކެއް ވަކިކުރުމަށް ނިންމާފައިވެއެވެ. އެ ބޭންކުތަކަކީ ބެލަގްރޮޕްރޮމްބޭންކާއި، ބޭންކް ޑަބްރަބައިޓާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް ދަ ރިޕަބްލިކް އޮފް ބެލެރޫސްއެވެ.

ވިލާތުގެ އިއްތިހާދުން މީގެކުރިން ވަނީ ރަޝިޔާގެ 7 ބޭންކަކަށް ފިޔަވަޅު އަޅައި، ގިނަ ބޭންކުތަކެއް ސްވިފްޓް ވިއުގައިން ވަކިކުރުމަށް ނިންމާފައެވެ. ރަޝިޔާއަށް ކަނޑުމަތީގައި ގެންގުޅޭ ޓެކްނޮލޮޖީ ފޯރުކޮށްދިނުން މަނާކުރުމުގެ އިތުރުން، ބުދަ ދުވަހު، އިތުރު 160 މީހަކަށް ފިޔަވަޅު އަޅާފައިވެއެވެ. އޭގެތެރޭގައި ރަޝިޔާގެ ޤައުމީ އެއަރލައިން އެއިރޯފްލޮޓްގެ ވެރިޔާއާއި، މުއްސަނދިންގެ 13 މީހަކާއި، މަޖިލިސްކުރާގޭގެ މެމްބަރުންވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.

މިއާއެކު ޔޫކްރެއިން މައްސަލައިގައި ވިލާތުގެ އިއްތިހާދުން ފިޔަވަޅު އަޅާފައިވާ ޖުމްލަ މީހުންގެ ޢަދަދު 862 އަށް ވަނީ އަރާފައެވެ. އަދި ވިޔަފާރިތަކާއި މުޢައްސަސާތަކުގެ ޢަދަދު 53އަށް އަރައެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ 27 ޤައުމުން މިހާރު އެންމެ ގަދައަށް ކުރިއަށްގެންދާ އެއް މަޝްވަރާއަކީ ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ހުއްޓާލުމާގުޅޭ މަޝްވަރާތަކެވެ. މިފަދަ މަޝްވަރާތަކަށްފަހު އެެމެރިކާއިން މިހާރު ވަނީ ރަޝިޔާއިން ތެލާއި ގޭސް ގަތުން ހުއްޓާލުމަށް ނިންމާފައެވެ. އަދި އިނގިރޭސިވިލާތުންވެސް ރަޝިޔާއިން ހަކަތަ ގަތުން މަދުކުރަމުންގޮސް މިއަހަރުގެ ނިޔަލަށް މުޅިން ހުއްޓާލާނެކަމަށް ވަނީ ބުނެފައެވެ.