ކުޅިވަރު

ސްޕޯޓްސް އެވޯޑަށް އެކުވެނި ޓްރެކް ބަންދު ކުރަނީ


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވަން ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ވަރަށް ކުޑަ މުއްދަތަކަށްކަމަށް ޔޫތު މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓްރީއިން ވަރަށް ކުލަގަދަކޮށް ބޭއްވުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނި ޓްރެކްގައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެވޯޑަށް ހަފްލާއަށް ތައްޔާރު ކުރުމަށް މާދަމާއިން ފެށިގެން މިމަހުގެ 19ވަނަ ދުވަހަށް ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ބަންދު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިފަދަ ބޮޑު ހަފްލާއެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ތަނަކީވެސް ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ބަންދު ކުރަން ޖެހުމާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ އެކަމަށްޓަކައި މާފަށް އެދިފައެވެ. އަދި މިގޮތަށް ނިންމަންޖެހުނީ ހެންވޭރު، ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދު ވެސް މިހަފްލާ އަށް ކުޑަވުމުންކަމަށް މަހުލޫފް ވިދާޅުވިއެވެ. މިހަފްލާގެ ތައްޔާރީތަކަށް ދަތިވި ނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ ވަރަށް ކުރު މުއްދަތަކަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރާއްޖެއިން ބޭރުގެ ވަރަށް ގިނަ ކުޅިވަރު ތަރިން ރާއްޖެއައުމަށް ދައުވަތު ދެއްވާފައެވެ. ސްޕޮތްސް އެވޮޑަށް ދައުވަތު ދެއްވި ފަރާތްތަކުން ހަފްލާއަށް އަންނާނެކަމަުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ. އެގޮތުން، ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމާއި، ސްރީލަންކާގެ ނޭޝަނަލް ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިއާ އާއި، ބަންގްލަދޭޝްގެ ކުޅިވަރާބެހޭ ވަޒީރު ޒާހިދު އަހްސަން ރަސަލް އާއި ސްރީލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސަ އާއި ސައުދި އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރ ބަދޭރް އަލްހާދީ ރާއްޖެ ވަޑައިގަންނަވާނެއެވެ.