ޚަބަރު

އޮޅުވާލުން އިތުރުވާތީ އޮންލައިން ފައިސާގެ މުއާމަލާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


އޮންލައިން ވިޔަފާރިތަކުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވެފައިވާތީ، ފައިސާ ފޮނުވުމާއި މުދާ ޑެލިވަރީ ކުރުމުގައި ސަމާލްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ޚާއްސަކޮށް ކޯވިޑް19ގެ ޙާލަތާއި ގުޅިގެން އޮންލައިން ވިޔަފާރިތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ފިހާރަތަކުގެ ވިޔަފާރިތައް އޮންލައިންކޮށް ކުރުމާއި، ފޭސްބުކް ޕޭޖުތަކާއި ވިޔަފާރި އެޕްލިކޭޝަންތަކާއި، އެކިއެކި ޚިދުމަތްތައް ހޯދުމުގައިވެސް އޮންލައިންކޮށް ކުރާ ފައިސާގެ މުޢާމަލާތްތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ވިދާޅުވީ އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތަކެއް ފުލުހުންނަށް ހުށައަޅަމުންދާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

އެގޮތުން، އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ހޯދުން އިތުރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް އޮޅުވާލައިގެން މޯބައިލް ފޯނުފަދަ އަގު ބޮޑު އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ ބޮޑަށް ފާހަގަކުރެވެމުންދަނީ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު އޮންލައިންކޮށް ބޭންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާ މައްސަލަކަމަށެވެ.

ބައެއް ޙާލަތްތަކަކުގައި އެއް ބޭންކުން އަނެއް ބޭންކުގެ އެކައުންޓްތަކަށް ފައިސާ ފޮނުވުމަށް ވަގުތު ނަގައެވެ. އެހެންކަމުން ފައިސާ ލިބުނުކަން ކަށަވަރު ކުރެވެން އޮންނަނީ 24 ގަޑިއިރެއްހާއިރު ފަހުންކަމުން، ފައިސާ ޖަމާނުވާކަން ވިޔަފާރިވެރިޔާއަށް އެނގެނީ މުދާ ޑެލިވަރީކުރާތާ އެތައް އިރެއްފަހުންނެވެ. މިކަމާއި ގުޅިގެން މިފަދަ މައްސަލަތައް ބެލުމުގައިވެސް ފުލުހުންނަށް ދަތިތަކާއި ކުރިމަތިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އޮންލައިން ވިޔަފާރިކޮށް ފައިސާ ދެއްކިކަމުގެ ބެންކް ސްލިޕް، މުދާ ގަންނަ ފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާ ލިބުނުކަން ޔަގީންކުރުމަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ބޭންކުތަކުންވެސް ދަނީ މިފަދަ ކަންކަމުގައި ކަސްޓަމަރުން ސަމާލުވުމަށް އަންގަމުންނެވެ. އެގޮތުން ފައިސާގެ މުޢާމަލާތްތަކުގެ ސައްޙަކަށް ދެނެގަތުމާއި، ބޭންކުގެ ނަމުގައި ގުޅައި އެކައުންޓްގެ މަޢުލޫމާތު ހޯދުމަށް އަންނަ ކޯލްތަކަށް އިޖާބަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.