އުރީދޫ ދިވެހި ޕްރިމިއަރ ލީގްގައި ދަ ގްރާންޑޭ ދެ ގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރައި، ކުލަބް އީގަލްސްއިން 4 ގޯލް ޖަހައި ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗް އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 2 ލަނޑުންނެވެ. މިމެޗް ފަށައިގެން ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް އަވަސް ކުޅުމެކެވެ. އެންމެ ފުރަތަމަ ގޯލެއް ޖަހަން ފުރުސަތު ލިބުނީ ދަ ގްރާންޑޭއަށެވެ. އެޓީމްގެ މިޑްފީލްޑަރު ޗަމޯދު ދިލްޝާނަށް ވަނީ ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިފައެވެ.
ފުރަތަމަ ފުރުސަތުގައި އީގަލްސްގެ ގޯލާއި ދިމާލަށް ފޮނުވާލި ބާރު ބޯޅަ ވަނީ އީގަލްސްގެ ކީޕަރު މުހައްމަދު ތަޙާ ދިފާޢުކޮށްފައެވެ. އަދި ދެވަނަ ފުރުސަތުގައި އޭނާ ފޮނުވާލި ބޯލަ ދިޔައީ ގޯލާއި ސީދާނުވެ ބޭރަށެވެ. ދަ ގްރާންޑޭގެ ހަމަލާތަކަށް ފަހު ކުލަބް އީގަލްސްއިންވެސް ވަނީ ދަ ގްރާންޑޭގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗްގެ 23ވަނަ މިނެޓްގައި އެޓީމުގެ އަހުމަދު ނޫމާންއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. ދެ ޓީމްގެ ފަރާތުން ވެސް މެޗްގެ ކުރީކޮޅުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި، އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ދަ ގްރާންޑޭއިންނެވެ. އެޓީމުން ވަނީ ގާތްގާތުގައި ދެ ގޯލް ޖަހާފައެވެ. ފުރަތަމަ ގޯލް މެޗްގެ 27ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުޙައްމަދު އާކިބެވެ. މިބޯޅަ ގޯލަށް ވަދެފައިވަނީ އީގަލްސްގެ ކީޕަރު ތަޙާ އަތުގައި ޖެހިފައެވެ. ދަ ގްރާންޑޭއިން ދެވަނަ ލަނޑު ޖެހީ 30ވަނަ މިނެޓްގައި އިސްމާޢީލް މަފާޒް އިބްރާހިމެވެ.
ދަ ގްރާންޑޭއިން ގާތްގާތުގައި ދެ ގޯލް ޖެހުމާއެކު، އީގަލްސްއިން ވަނީ އެޓީމް ކުޅެމުންދިޔަ ފޯމޭޝަނަށް ކޮންމެވެސް ވަރެއްގަ ބަދަލުތަކެއް ގެނެސްފައެވެ. ދަ ގްރާންޑޭއިން ދެވަނަ ލަނޑު ޖެހިތާ މިނެޓެއްވެސް ނުވަނީސް އީގަލްސްއިން ވަނީ ލަނޑެއް ޖަހާފައެވެ. މިގޯލް އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަންއެވެ. ދަ ގްރާންޑޭއިން ދެ ގޯލް ޖަހާފައިވާތީ އީގަލްސްއިން މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ޢަބްދުﷲ ސަމީހު މޫސާ ވަނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗްގެ ދެވަނަ ހާފްގައި ފެށިގެން މިނެޓެއް ވެސް ނުވަނީސް އީގަލްސްއިން ވަނީ ލަނޑެއްޖަހައި، މެޗްގެ ނަތީޖާ އަނބުރާލާ، މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގާފައެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ ހުމައިދު ހުސަންއެވެ. އީގަލްސްއިން މެޗްގައި ލީޑް ނެގުމާއެކު މެޗްގެ އޮއިވަރު މުޅިން ބަދަލްވިއެވެ. އީގަލްސްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗްގެ 61ވަނަ މިނެޓްގައި ލީޑް ފުޅާކުކޮށްދިނުމަށް އީގަލްސްގެ ހިސާން ސަމީލަށް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ދަ ގްރާންޑޭގެ ކީޕަރު އިސްމާއީލް ޝިހާމް އަތްމަތިން ގޮސް، އެބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ދެވަނަ ހާފްގެ ފަހުކޮޅުގައި އީގަލްސްގެ އަހުމަދު ރިޒްވާނަށް ގޯލް ޖެހުމަށް ދެ ތިން ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.
ދަ ގްރާންޑޭއިންވެސް އެޓީމަށް ލިބޭ ފުރުސަތުތަކުގައި އީގަލްސްގެ ގޯލަށް ނުރައްކާ ކުރިއެވެ. ހީލޭ ޖެހުމަކުން ޢަލީ ޝަމާލް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒްވީއިރ، ހަސަން ރާއިފް އަހުމަދު ފޮނުވާލި ބޯޅަ ބޭރަށް ދިޔައީވެސް ދަނޑިގައި ޖެހިފައެވެ. މެޗްގެ އިތުރު ވަގުތުގެ ތެރޭގައި އީގަލްސްއިން ވަނީ ލަނޑެއްޖަހައި އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. އީގަލްސްގެ 4ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒިޔާނެވެ. މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ކުލަބް އީގަލްސްއަށް ވަނީ 5 މެޗުން 10 ޕޮއިންޓް ލިބިފައެވެ. އެޓީމް އޮތީ ތާވަލްގެ 3ވަނައިގައެވެ.