ޚަބަރު

ވެކްސިންގެ ބޫސްޓަރ ޑޯޒް އިތުރު 646 މީހުން ޖަހައިފި


އިތުރު 600 އަށްވުރެ ގިނަ މީހުން ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފިއެވެ. ކޯވިޑް ބޫސްޓަރ ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 139000 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 646 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 287 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 359މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 139،874އަށް އަރާފައެވެ.

މީގެއިތުރުން 36މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒްޖެހި  27  މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 9 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް  ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 371،327އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް 12 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 7 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 5 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 398،293އަށް އަރާފައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވުމުންކަމަށް ހެލްތު އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.