ޚަބަރު

ރާއްޖެއާއި ލަންކާގެ ފަރުތަކުން ފެންނަ މަހަކަށް ދިވެހި ނަމެއް


ރާއްޖެއާއި ސްރީލަންކާގެ ފަރުތަކުން ފެންނަ ފަރުމަހެއްގެ ބާވަތަކަށް ރާއްޖޭގެ ޤައުމީ މަލަށް ނިސްބަތްކޮށް ނަންދީފިއެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ އަލަށް ނަންދެވުނު މިމަހަކީ ލެބްރިޑައި ނުވަތަ ހިކާ ޢާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގެ މަހެއްކަމަށެވެ. ދިވެހި ފިނިފެންމާ ކުލައާއި ރީނދޫކުލައިގެ އިތުރުން ވައިލެޓް ކުލަ ހިމެނޭ މިމަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކިރިލެބްރަސް ފިނިފެންމާ"އެވެ. މަހުގެ ޢާއްމު ނަމަކަށް އިނގިރޭސި ބަހުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ރޯސް ވެއިލްޑް ފެއާރީ ރާސް" މިހެންނެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވީ މީގެކުރިން ޗާގޯސް ސަރަޙައްދުން ފެންނަ މަހަކާއި ވައްތަރުކަމަށްވާތީ މިމަހަށް ބޭނުންކުރަމުން އައީ ޗާގޯސް ސަރަޙައްދުން ފެންނަ މަހުގެ ނަންކަމަށެވެ. އެހެންނަމަވެސް ފަހުގެ ދިރާސާތަކުން މިއީ ތަފާތު މަހެއްކަން ކަށަވަރުވެފައިވާކަމަށް އެއިންސްޓިޓިއުޓުން ވިދާޅުވެއެވެ. އެގޮތުން މިމަސް މިހާތަނަށް ފެނިފައިވަނީ ރާއްޖެއާއި ލަންކާގެ ފަރުތަކުގެ 40 އާއި 70 މީޓަރު އަޑިންކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ.

މިމަހުގެ މަޢުލޫމާތު ދިރޭތަކެތީގެ ނަސްލާއި އަލަށް ހޯދޭ ދިރޭތަކެތީގެ ދިރާސާތައް ޝާއިއުކުރާ ސައިންޓިފިކް ޖާނަލްއެއްކަމަށްވާ ޒޫކީސްގައި މިހާރުވަނީ ޝާއިއުކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ކަނޑުތަކުގައި ހިންގި އެކި ދިރާސާތަކުގައި ދުނިޔެގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނެގިފައިވާކަމަށާއި އެމަސްމަހަށްވެސް ދިވެހި ނަންތައް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ވިދާޅުވެއެވެ. ރާއްޖޭގެ ކަނޑުތަކަށް އަމާޒުކޮށް ތިމާވެށީގެ ދާއިރާއިންނާއި އިޤްތިޞާދީ ރޮނގުން ޢިލްމީ އެކި ދިރާސާތައް އަންނަނީ ކުރަމުންނެވެ.