ޚަބަރު

ޞުލްޙަ ޤާއިމުކުރުމަށް ރަޝިޔާއަށް އިޙްތިރާމުކުރަން ޖެހޭ: މެޚްރޮން


ވިލާތުގައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޤައުމެއްގެ ގޮތުގައި އަބަދުވެސް ރަޝިޔާއަށް އިޙްތިރާމުކުރަން ޖެހޭކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވިދާޅުވެއްޖެއެވެ.

ރިޔާސީ ދެވަނަ ދަޢުރަކަށް ވާދަކުރައްވާނެކަން އިޢުލާންކުރެއްވުމަށްފަހު ބޭއްވެވި ފުރަތަމަ ކެންޕެއިން ޙަރަކާތުގައި ވާހަކަދައްކަވަމުން މެޚްރޮން ވިދާޅުވީ އަޙުވަންތަ ޤައުމަކަށް ހަމަލާދިނުމަށްފަހު ބޮޑެތި ގެއްލުންތަކެއް ކުރިމަތިކޮށް ލަދުގަންނަވާލުމަކީ ރަޝިޔާއިން ހެދި ތާރީޚީ ގޯހެއްކަމަށެވެ. ފާއިތުވި ހަފުތާތަކުގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންނާ ޤަވައިދުން ވާހަކަދައްކަވަމުންދާ މެޚްރޮންވަނީ މަޝްވަރާކޮށްގެން މައްސަލަތައް ޙައްލުކުރުމުގެ މުޙިއްމުކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން ރަޝިޔާގެ ބައިވެރިވުމާ ނުލައި ވިލާތުގައި ދާޢިމީ ޞުލްޙައެއް ޤާއިމުނުކުރެވޭނެކަމަށާއި ވިލާތުން އެންމެ އިސް ކަމެއް ދޭންވީ ހަނގުރާމައާއި ޢަދާވާތްތެރިކަން ނުފެތުރޭނެ ގޮތްތަކެއް ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނަށް ޙަމަލާދިނުމުގެ ޢަމުރު ޕުޓިން ދެއްވުމުގެ ކުރިން މެޚްރޮންވަނީ ރަޝީޔާގެ ވެރިރަށް މޮސްކޯއަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އަދި ހަނގުރާމައިގެ ތެރޭގައިވެސް މެޚްރޮންވަނީ ތެލެފޯނު މެދުވެރިކޮށް ޞުލްޙަ ޤާއިމުކުރުމާ ގުޅޭގޮތުން ޕުޓިންނާ މަޝްވަރާކުރައްވައިފައެވެ. މެޚްރޮން ވިދާޅުވީ ޕުޓިންނާ މަޝްވަރާކުރެއްވުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށާއި މަޤްޞަދުތައް ޙާޞިލްވުމުގެ ކުރިން ހަނގުރާމަ ނުހުއްޓަވާނެކަމަށް ޕުޓިން ވިދާޅުވިކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް މަދު ދުވަސްތަކެއްގައި ހަނގުރާމަ ހުއްޓޭނެކަމަށް ޤަބޫލުނުކުރައްވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.