ޚަބަރު

ލަންޑަން މެޓަލް އެކްސްޗޭންޖަށް ޝޮކެއް، ނިކެލްގެ ވިޔަފާރި މެދުކަނޑާލައިފި


ނިކެލްގެ އަގު އަތްނުފޯރާފަށަށް އުފުލުމާއި ގުޅިގެން ލަންޑަން މެޓަލް އެކްސްޗޭންޖުގައި ނިކެލްގެ ވިޔަފާރި މެދުކަނޑާލައިފިއެވެ.

ނިކެލް މަޢުދަނަކީ ދަބަރުނުޖަހާ ދަނގަނޑު އުފެއްދުމަށާއި، އިލެކްޓްރޯނިކް ކާރު ފަދަ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ވަޞީލަތްތައް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މަޢުދަނެކެވެ.

145 އަހަރުވީ މެޓަލް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ނިކެލްގެ ވިޔަފާރި ހުއްޓާލަންޖެހިފައި މިވަނީ، ވިލާތުން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރަޝިޔާއިން ސަޕްލައިކުރާ މަޢުދަން ނުލިބިދާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ. ދުނިޔޭގެ ޤައުމުތަކުން ގަންނަ ނިކެލްގެ 7 އިންސައްތަ ބޭރުކުރާ ޤައުމަކީ ރަޝިޔާއެވެ. އެހެންކަމުން ފާއިތުވި 2 ހަފްތާގައި ހަނގުރާމައިގެ ސަބަބުން އަންނަމުންދާ އިޤްތިޞާދީ ލޮޅުންތަކުގެ ސަބަބުން ނިކެލް ހިމެނޭހެން މަޢުދަނުގެ އަގުވެސް ވަނީ އުފުލެން ފަށާފައެވެ.

ލަންޑަން މެޓަލް އެކްސްޗޭންޖުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއީ ދިމާވެދާނެކަމަށް ކުރިން ބެލިފައިނުވާ ޙާލަތެއް ކަމަށާއި، ވިޔަފާރި ބަންދުކުރުމުގެ ސަބަބުން ދިމާވެފައިވާ ގިނަ މައްސަލަތަކެއް ޙައްލުކުރަންޖެހިފައި އެބަހުރިކަަމަށެވެ. އެހެންކަމުން ދުވަސްތަކަކަށް ބާޒާރު ބަންދުކޮށް، ތަފާސް ހިސާބު ޝާއިޢުކުރުންވެސް ހުއްޓާލާނެކަމަށް ބުނެފައިއެވެ.

ޚަބަރުތައް ބުނާގޮތުން ނިކެލްގެ ބާޒާރުގެ ކޮންޓްރޯލް ގެއްލިފައިވަނީ އަންގާރަދުވަހު ޗައިނާ ކުންފުންޏަކުން ގިނަ ޢަދަދަކަށް ނިކެލް ގަތުމުގެ ސަބަބުންނެވެ. އަންގާރަދުވަހު ނިކެލްގެ އަގު ދެގުނައަށް އިތުރުވެ، ޓަނެއް 100000 ޑޮލަރަށްވުރެ މައްޗަށް ޖެހިފައިވެއެވެ. އެހެންކަމުން މެޓަލް އެކްސްޗޭންޖުން މިހާރު ވަނީ ނިކެލް ކޮންޓްރެކްޓުތަކުގެ މާޖިން 12.5 އިންސައްތަ މައްޗަށް ޖައްސާފައެވެ.

ލަންޑަން މެޓަލް އެކްސްޗޭންޖުގެ އިތުރުން ޝަންގހައި މާކެޓުގައިވެސް ނިކެލްގެ އަގު ވަނީ 15 އިންސައްތަ އުފުލިފައެވެ.