ކުޅިވަރު

ޗެމްޕިއަންސް ލިގުގެ ކުއާޓަރ ފައިނަލަށް ލިވަޕޫލާއި ބަޔާން


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ލިވަޕޫލް ޖާގަހޯދީ ރައުންޑް އޮފް 16 ގައި އިންޓަރ މިލާނާއި ބައްދަލު ކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗް 2 ލަނޑު ސުންލަނޑުން ލިވަޕޫލް ކާމިޔާބުކުރިއިރު ލިވަޕޫލްގެ ދަނޑުގައި ރޭ ކުލުނު ދެވަނަ ލެގްގެ މެޗް އިންޓަރ ކާމިޔާބު ކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގައި ލިވަޕޫލަށް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި އިންޓަރ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. މިލަނޑައެކު އިންޓަރއަށް ހިތްވަރު އާވެގެންދިޔަ ނަމަވެސް މިކަން ދެމި އޮތީ ދެމިނެޓަށެވެ. މެޗްގެ 63 ވަނަ މިނެޓްގައި އިންޓަރގެ އެލެކްސިސް ސަންޗޭޒަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމާއެކު މިމެޗް އިތުރު ވަގުތަށް ގެންދިއުމަށް އިންޓަރއިން ކުރަމުންދިޔަ އުންމިދު ތަކަށް ފަނޑުކަން އައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ބުނީ މިމުބާރަތުގެ ކުއާޓަރ ފައިނަލުން ލިވަޕުލަށް ޖާގަލިބުން ހައްގު ކަމަށެވެ. އަދި މިމެޗްގައި ނަތިޖާ އެގޮތަށް ނިކުމެގެންދިޔައީ ލިބުނު ފުރުސަތުތައް ނިންމާލުމުގައި ފަރުވާ ކުޑަވުމުންކަމުގައި އޭނާ ބުންޏެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ބާޔާން މިއުނިކުންވެސް މިވަނީ ކުއާޓަރ ފައިނަލުން ޖާގަހޯދައިފަވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ބަޔާން ޖާގަހޯދީ ރައުންޑް އޮފް 16 ގައި އެފްސީ ރެޑް ބުލް ސާލްޒްބަރގް އާއި ބައްދަލުކޮށް 8 ލަނޑު 2 ލަނޑުގެ އެގްރިގޭޑް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗް އެއްލަނޑު އެއްލަނޑުން ދެޓީމު އެއްވަރު ވި އިރު ބަޔާންގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް އެޓީމް ކާމިޔާބުކުރީ 7 ލަނޑު އެއްލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗެމްޕިއަންސް ލިގުގައި 100 ވަނަ މެޗް ކުޅެމުންދިޔަ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑުވެސް 21 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ލެވަންޑޯސްކީއެވެ. މީގެއިތުރުން އޭގެ ދެމިނެޓް ފަހުން ލަނޑެއް ޖަހާ ލެވަންޑޯސްކީ ވަނީ މިމެޗްގައި ހެޓްރިކެއްވެސް ހަދާފައެވެ. މިމެޗްގައި ބަޔާންގެ ހަތަރު ވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ސަރޖީ ގްނެބްރީ ޖަހައިދިން އިރު ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓާއި 83 ވަނަ މިނެޓްގައި ޖަހައިދިނީ ތޯމަސް މުލަރއެވެ. އަދި ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ ލިރޯއި ސާނޭއެވެ. މިމެޗްގައި ސާލްޒްބާރގުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މައުރިޓްސް ކިޔާގާޑްއެވެ.