ޚަބަރު

ވޯލްޑް ބޭންކުން ޔޫކްރެއިނަށް 723 މިލިއަން ޑޮލަރު ދެނީ


ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އެ ޤައުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ލޯނާއި ފައިސާގެ އެހީގެ ގޮތުގައި ޖުމްލަ 723 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުން ފާސްކޮށްފިއެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ ރަޝިޔާގެ ޙަމަލާތަކާއި ގުޅިގެން ޔޫކްރެއިނަށް ކުއްލި އެހީ ބޭނުންވެފައިވާތީ އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ބަޖެޓު، ވަރަށް އަވަހަށް އެ ޤައުމާއި ޙަވާލުކުރާނެކަމަށެވެ.

ޔޫކްރެއިނަށް ދިނުމަށް އެކުލަވާލާފައިވާ 723 މިލިއަން ޑޮލަރުގެ ޕެކޭޖުގައި ނެދަލެންޑްސްއާއި ސްވީޑެންގެ ގެރެންޓީގެ ދަށުން ހަމަޖައްސާފައިވާ 139 މިލިއަން ޑޮލަރުގެ އިތުރުން، ވޯލްޑް ބޭންކުންދޭ ލޯނުގެ ގޮތުގައި 350 މިލިއަން ޑޮލަރު ހިމަނާފައިވެއެވެ. އަދި ޖަޕާނުން ދީފައިވާ 100 މިލިއަން ޑޮލަރުގެ އެހީއާއި، އިނގިރޭސިވިލާތާއި، ޑެންމާކާއި، ލަތުވިއާއާއި، ލިތުއޭނިއާ އާއި، އައިސްލޭންޑުން ދީފައިވާ 134 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ހިމެނެއެވެ.

މި ފައިސާގެ ސަބަބުން ޔޫކްރެއިނުގައި އަސާސީ ޚިދުމަތް ދިނުމަށް ފަސޭހަވެގެންދާނެކަމަށް ވޯލްޑް ބޭނުންކުން ބުނެއެވެ. މި ފައިސާ ޚަރަދުކުރަންޖެހޭ ވަކި ދާއިރާތަކެއް ކަނޑައަޅާފައިނުވިނަމަވެސް، ބޭންކުން ބުނެފައިވަނީ ސިއްޙީ ޚިދުމަތްތެރިންގެ މުސާރަ ދިނުމަށާއި، އިސްރަށްވެހިންގެ ޕެންޝަން ފައިސާ ދިނުމުގެ އިތުރުން ޢާއްމުންނާއި ގުޅޭ އިޖުތިމާޢީ ކަންކަން ކުރިއަށް ގެންދިއުމަށް ޔޫކްރެއިނުގެ ސަރުކާރަށް މަގުފަހިވެގެންދާނެކަމަށެވެ.

ޔޫކްރެއިނަށް އެހީތެރިވުމަށް އިތުރު 3 ބިލިއަން ޑޮލަރުގެ ޕެކޭޖަކާއި، ރެފިއުޖީންގެ ގޮތުގައި ޔޫކްރެއިނުގެ ރައްޔިތުން އެތެރެކުރާ ޤައުމުތަކަށް އެހީވުމަށް ފަންޑު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް، ވޯލްޑް ބޭންކުން ބުނެއެވެ.