ކުޅިވަރު

ގޯލްޑަން ފުޓްސަލްގެ އަތޮޅު ޗެންޕިއަންކަން ގާފަރު އަދި ކުޑަހުވަދޫއަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022ގައި ކ.އަތޮޅު ޗެންޕިއަންކަން ގާފަރު އަދި ދ.އަތޮޅުގެ ޗެންޕިއަންކަން ކުޑަހުވަދޫއިން ހޯދައިފިއެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތްކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކ.އަތޮޅު ޗެންޕިއަންކަން ގާފަރުން ހޯދީ ފައިނަލްގައި ކާށިދޫ އާއި ވާދަކޮށް 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ލީޑް ނަގާ ކުރި ހޯދީ ގާފަރުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ މާއިޝްއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކާށިދޫގެ ކެޕްޓަން ޢަބްދުﷲ ސުޒޭރު ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފްގައި ގާފަރުން ޖެހި ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މާހިރެވެ. ގާފަރުން ލީޑް ނެގުމާއެކު ކާށިދޫއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް އެޓީމްއަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގާފަރުގެ ނާއިހު މުފީދެވެ.

ދ އަތޮޅުގެ ޗެންޕިއަންކަން ކުޑަހުވަދޫއިން ހޯދީ ފައިނަލް މެޗްގައި ބަނޑިދޫ 5 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ. މިދެ ޓީމް މިހާތަނަށް ދެ ފަހަރު ބައްދަލުކޮށްފައިވާއިރު، ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ކުޑަހުވަދޫއެވެ. ފުރަތަމަ މެޗުން 5 ލަނޑު 2 ލަނޑުން ކުރު ހޯދިއިރު ދެވަނަ މެޗް ކުޑަހުވަދޫ ކާމިޔާބުކުރީ 5 ލަނޑު 0 ލަނޑުންނެވެ. ކުޑަހުވަދޫއިންޖެހި 5 ގޯލުގެ ތެރެއިން 2 ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ޖުމައިލް ޖަމީލެވެ. އަނެއް ގޯލުތައް ޖެހީ ހާރޫން އިބްރާހިމާއި ޢަބްދުﷲ މުގްސިތު އަދި ޝައުކަތު އަމީނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހުވަދޫގެ ޝައުކަތެވެ.