ޚަބަރު

ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން ނިންމައިފި


ރަޝިޔާއިން ބޭރުކުރާ ތެޔޮ އެމެރިކާއަށް އެތެރެކުރުން ހުއްޓާލުމަށް އެމެރިކާއިން ނިންމައިފިއެވެ.

ޔޫކްރެއިނަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކާއި ގުޅިގެން އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވާފައިވަނީ ރަޝިޔާއިން ތެލާއި ގޭސް ގަތުން ވަގުތުން ހުއްޓާލުމަށެވެ. މި ނިންމުމާއެކު ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ މައްޗަށްގޮސްފައެވެ. އަދި އެމެރިކާގައި ވަކިން ވިއްކާ ގޭހުގެ އަގު ރިކޯޑު މިންވަރަކަށް އުފުލިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝީޔާއިން ތެޔޮ ގަތުން ހުއްޓާލައިފިނަމަ ތެޔޮ ފީފާއެއްގެ އަގު ދެގުނައަށް އިތުރުވެދާނެކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް ރަޝިޔާގެ ހަކަތައިގެ ވިޔަފާރި ހުއްޓުވުމަށް ޔޫރަޕުގެ ޤައުމުތަކާއެކު އެެމެރިކާއިން ދިޔައީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަމުންނެވެ.

ބައިޑެން ވިދާޅުވީ މި ނިންމުމުގެ ސަބަބުން އެމެރިކާއިން ރަޝިޔާއަށް ރަނގަޅު ފިލާވަޅެއް ދެވޭނެކަމަށެވެ. މި ނިންމުމަށް ޢަމަލުކުރުމަށް ވަގުތުން ފަށަން އިޢުލާންކޮށްފައިވާއިރު، މިހާރު ހުރި ވިޔަފާރި އެއްބަސްވުންތައް އުވާލުމަށް 45 ދުވަހުގެ މުހުލަތެއް ވިޔަފާރިވެރިންނަށް ދީފައިވެއެވެ.

ރަޝިޔާއިން އެމެރިކާއަށް އެތެރެކުރާ ހަކަތައިގެ މިންވަަރަށް ބަލާއިރު، 2021 ވަނަ އަހަރު މަހެއްގެ މައްޗަށް 20.4 މިލިއަނައަށްވުރެ ގިނަ ތެޔޮ ފީފާ އެތެރެކޮށްފައިވެއެވެ. އެއީ އެ ޤައުމަށް އެތެރެކުރާ ތެލުގެ ގާތްގަނޑަކަށް 8 އިންސައްތައެވެ. އެހެންކަމުން އިމްޕޯޓު މަނާކުރުމުން ތެލާއި ގޭހުގެ އަގު އުފުލޭނެކަމަށް ބެލި ނަމަވެސް، އެމެރިކާގެ ރައްޔިތުންނަށް އަގުތައް ހިފަހައްޓައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ އިތުރުން އިނގިރޭސިވިލާތުން ވަނީ 2022 ނިމެންވާއިރަށް ރަޝިޔާއިން ތެލުގެ ބާވަތްތައް ގަތުން އެއްކޮށް ހުއްޓާލާނެކަމަށް ބުނެފައެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވި އިތުރު ޤައުމަކުން މިގޮތަށް ނިންމާފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ.