ވިޔަފާރި

ދުބާއީ އެކްސްޕޯގައި ދިވެހި ފަންނާނުންގެ މިއުޒިކް ހުށަހަޅައިދިނުމުގެ ފުރުޞަތު


ދުބާއީ އެކްސްޕޯގައި ދިވެހި ފަންނާނުންގެ މިއުޒިކް ހުށަހަޅައިދިނުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ، ވޯލްޑް އެކްސްޕޯ ދުބާއީގައި ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހުއެވެ.

ދުބާއީގައި ކުރިއަށްދާ، އެކްސްޕޯ 2020 ދުބާއީގައި ރާއްޖޭގެ ޕެވެލިއަންގެ ފަރާތުން ކުރިއަށްގެންދާ ހަރާކާތްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް، ސަޤާފަތާއި ދިވެހި ތާރީހު، އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލުމުގެ ގޮތުން ގިނަގުނަ ހަރަކާތްތަކެއް ދަނީ ރާވާ ހިންގަމުންނެވެ. މިގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މިމަހުގެ ފަހުކޮޅު އެކްސްޕޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅިގެން ދިވެހި ފަންނާނުންގެ މިއުޒިކް ހުށަހަޅައިދިނުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިފުރުޞަތަށް ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށިގެންވާ 1 ނުވަތަ 2 ބޭންޑަކަށް މިފުރުޞަތު ހަމަޖައްސައި ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ފުރުޞަތު ދެވޭނީ 1 ބޭންޑަށްތޯ ނުވަތަ 2 ބޭންޑަށްތޯ ކަނޑައެޅޭނީ، މި މިނިސްޓްރީން އެކްސްޕޯ އިންތިޒާމްކުރާ ފަރާތަކާއެކު މިހާރު ކުރިއަށްގެންދާ މަޝްވަރާތަކުން ދިވެހި ހުނަރުތައް ދައްކާލުމަށް، އެކްސްޕޯގެ އޯޕަން ސްޓޭޖްތައް ހަމަޖެހިގެންދާ މިންވަރަކަށް ބެލުމަށްފަހުގައިކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަރަކާތް ހުށަހަޅަނީ ފިއުޝަން މިއުޒިކްގެ ދާއިރާއިންނެވެ. އެއީ ދިވެހީންގެ މިއުޒިކީ ސާމާނާއި އަޑުތަކާއި ޒަމާނީ މިއުޒިކް އެކުލެވޭ ގޮތަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބައިވެރިވާން އެދޭ ފަރާތްތަކުން ހުށަހަޅާ ހުށައެޅުންތައް އިވެލުއޭޓްކުރުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ލައިވްކޮށް ހުށައެޅުންތައް ހުށައެޅުމުގެ ތަޖްރިބާއާއި، ދިވެހި އުފެއްދުންތެރިކަމާއި ސަގާފަތް ރަމްޒުކޮށްދޭ މިންވަރާއި، ހުށަހެޅުންތެރިކަން ހިމެނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް ހޮވޭ ފަންނުވެރިންނަށް ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ އިތުރުން ޕަރފޯމަންސް ފީއެއް އިކޮނޮމިކް މިނިސްޓްރީން ދޭނެއެވެ. މީގެކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ދުބާއީ އެކްސްޕޯގައި ދިވެހި ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.