ކުޅިވަރު

ސްޕޯޓްސް އެވޯޑް: ޓެނިސް ތަރި ލޫސީ ބައިވެރިވާނެ


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް އިންގްލެންޑްގެ ވީލްޗެއަރ ޓެނިސް ތަރި ލޫސީ ސޫކާވެސް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ގިނަ ކުޅިވަރުގެ ތަރިންތަކެއް ގެނައުމަށް ޔޫތު މިނިސްޓްރީއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރުވެސް މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިވާ ކަމުގެ ޔަގީންކަން ވަނީ ބައެއް ތަރިން ދީފައެވެ.

ޕެރަލިމްޕިކް ޓެނިސް ތަރި ލޫސީވަނީ ޕެރަލިމްޕިކްސް ޓެނިސް އިވެންޓްގައި 1 ރިހި މެޑަލާއި 2 ލޯ މެޑަލް ހޯދާފައެވެ. އެންމެ ފަހުން ރިއޯ އޮޮލިމްޕިކްސް، ޓޯކިޔޯ އޮލިމްޕިކްސް އަދި ލަންޑަން އޮލިމްޕިކްސްގައިވެސް ލޫސީ ވަނީ ގިނަ ވަނަތަކެއް ހޯދާފައެވެ. ލޫސީ ވަނީ ދުނިޔޭގެ ރޭންކިންގައި ސިންގަލްސް ބައިން 5ވަނަ އަދި ޑަބަލްސް ބައިން 3ވަނަ އަށް ހޯދާފައެވެ. ލޫސީ އަކީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓެނިސް ތަރިއެކެވެ. އުމުރުން 41 އަހަރުގެ ލޫސީ ސޫކާ ވަނީ ޓެނިސް ކެރިއަރުގައި 100އަށް ވުރެއް ގިނަ މެޑަލް ހޯދާފައެވެ.

ޔޫތު މިނިސްޓްރީއިން ދަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ވަރަށް ކުލަގަދަ ރަސްމިއްޔާތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނާނެއެވެ.