ވިޔަފާރި

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން "އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް"އާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ހުށަހެޅުން ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނެއެވެ.

އެސްޓީއޯއިން ބުނީ ފޯމް ހުށަހަޅާ ފަރާތްތަކާއި ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން އިންޓަވިއުކުރާނެކަމަށެވެ. އަދި އިންޓަވިއުކޮށް، ޝޯޓް ލިސްޓުކުރާ ކެނޑިޑޭޓުންގެ ތެރެއިން މި މަގާމަށް އިންތިހާބުކުރުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ނަން ހުށަހަޅާނެ ފަރާތްތައް ކަނޑައަޅާނީ ޑިރެކްޓަރުންގެ ބޯޑުންކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ބޯޑުން ކަނޑައަޅާ ފަރާތްތަކުގެ މައުލޫމާތު، ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އާންމު ކުރާނެއެވެ. އެސްޓީއޯއިން ބުނީ ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންނަށް ބަދަލެއް ގެންނަން ބޭނުންވާނަމަވެސް މާރޗްމަހުގެ 31 ވަނަދުވަހުގެ ކުރިން ކުންފުންޏަށް އެކަން އަންގައިދިނުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށްވެސް ހުށަހެޅިފައިވާނެކަމަށެވެ.