ކުޅިވަރު

ގްރީން ބަލިކޮށް ޓީސީ ތާވަލްގެ 5ވަނައަށް


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ގްރީން ބަލިކޮށް ޓީސީއިން ތާވަލްގެ 5ވަނައަށް ޖެހިލައިފިއެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން ގްރީން ސްޓްރީޓްސް ބަލިކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗަށް ނިކުތްއިރު، ދެ ޓީމުންވެސް ވަނީ ބަދަލްތަކެއް ފުރަތަމަ 11އަށް ގެނެސްފައެވެ. އެގޮތުން ގްރީންގެ ކެޕްޓަން ރިޟްވާން ވަހީދަށް އެންމެ ފަހުން ކުޅުނު މެޗްގައި ރަތް ކާޑެއް ދެއްކުމުން މިމެޗަށް ވަނީ ސަސްޕެންޑްވެފައެވެ. އަދި އަނިޔާގެ ސަބަބުން މިޑްފިލްޑަރު ޢަލީ ޝާމިއުއަށް ވެސް މިމެޗްގައި ކުޅެވޭ ގޮތެއް ނުވިއެވެ. އަދި ޓީސީގެ ފުރަތަމަ 11ގައި ހިމެނިގެން އާންމުކޮށް ކުޅޭ އަހުސަމް މޫސާ އާއި އަޙުމަދު ސާމިއުގެ ބަދަލްގައި ފުރަތަމަ 11ގައި ކުޅެން އަރުވާފައިވަނީ ބިދޭސީ ފޯވާޑް އޮމަރު ހުސައިން ސަލާހު އާއި އައިހަމް އަމްދޫނަށެވެ.

މެޗް ފަށައިގެން ދެ ޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގޯލް ޖެހުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެންދިޔައީ ގްރީންއަށެވެ. ނަމަވެސް ގްރީންގެ މިޑްފިލްޑަރު ބެލްޖިއަމްގެ ޖޯޑީ ބާޓް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލާއި ސީދާވި ނަމަވެސް، އެބޯޅަ ދިޔައީ ޓީސީގެ ގޯލް ބަލަހައްޓަން ހުރި ލަންކާގެ ގޯލް ކީޕަރު ސުޖަން ޕެރޭރާ އަތަށެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޓީސީއިން ޖެހީ މެޗްގެ 12ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ގްރީންގެ މުޙައްމަދު ފަރުހާން ޓީސީގެ ފޯވާޑް ސަލާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ ޓީސީއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އޮމަރު ހުސައިން ސަލާހުއެވެ. ޓީސީއިން ގޯލް ޖެހުމާއެކު ގްރީންއިން މަޑުމަޑުން ކުރިއަށް ޖެހިލައިގެން ކުޅެންފެށިއެވެ. އަދި ގިނަ ހަމަލާތަކެއް އުފައްދަން އެޓީމުން މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އެގޮތުން ގްރީންގެ އަހުމަދު ނާހިލް އާއި ހަސަން ނަޒީމް ގޯލް ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީންއިން އުފެއްދި ގިނަ ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް ޓީސީގެ ކީޕަރު ސުޖަން ދިފާޢުކުރިއިރު، އަނެއްބައި ހަމަލާތައް ވަނީ ޓީސީގެ ޑިފެންޑަރުން މަތަކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފްގައި ގްރީންއިން ގޯލް ޖެހުމަށް ގިނަ ހަމަލާތަކެއް އުދައްދަން މަސައްކަތް ކުރިއެވެ. ނަމަވެސް މިހަމަލާތަކުގެ، ގޯލަށް ސީދާ ނުރައްކާ ކުރެވިފައިވަނީ މަދު ހަމަލާއެކެވެ. މެޗްގެ ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައިވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔައެވެ. އަދި ދެ ޓީމުން ވެސް ރެފްރީ ބައެއް ނިންމުންތަކާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ހާއްސަކޮށް ގްރީންއިން ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފާޅުކުރިއެވެ. ޓީސީއިން ލީޑުގައި އޮތުމުން ދެވަނަ ހާފްގައި އެޓީމުން ވަނީ ލީޑް ދެމެހެއްޓުމަށް ވަރަށް ބޮޑަށް ޑިފެންސަށް ވިސްގައިގެން ކުޅެފައެވެ. ޓީސީއިން ފަހަތަށް ޖެހިގެން ކުޅުނު ނަމަވެސް އެޓީމުންވެސް ވަނީ ލިބުނު ފުރުސަތުތަކުގައި ގޯލް ޖެހުމަށް މަސައްކަތްކޮށްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީގެ ގޯލް ކީޕަރު ސުޖަންއެވެ.

މިމެޗުން ލިބުނު 3 ޕޮއިންޓާއެކު ޓީސީ ޕްރިމިއަރ ލީގް ތާވަލްގެ 5ވަނައަށް ޖެހިލާފައިވަނީ 6 ޕޮއިންޓް ހޯދައިގެންނެވެ. މިމެޗުން ބަލިވުމާ ގުޅިގެން ގްރީން ވަނީ ލީގް ތާވަލްގެ 6ވަނައަށް ވެއްޓިފައެވެ.