ކުޅިވަރު

ސަސް ބަލިކޮށް ވެލެންސިޔާއިން ތާވަލްގެ 2ވަނައިގައި ހަމަޖެހިލައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިޔާއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޕްރިމިއަރ ލީގް ތާވަލްގެ ދެވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މިމެޗުން މޮޅުވުމާއި ގުޅިގެން ލިބުނު ތިން ޕޮއިންޓާއެކު ކުލަބް ވެލެންސިޔާ ވަނީ ތާވަލްގެ އެއްވަނައިގައިވާ މާޒިޔާ އާއި ޕޮއިންޓުގެ ގޮތުން އަރާ ހަމަކޮށްފައެވެ. މާޒިޔާ އަދި ވެލެންސިޔާއަށް ވެސް 12 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނަ މާޒިޔާއަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. ވެލެންސިޔާއާއި އެންމެ ގާތުން ތާވަލްގެ ތިންވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ކުލަބް އީގަލްސްއަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ވެލެންސިޔާއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ ވާދަކުރި މެޗް ވެލެންސިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މިމެޗަށް ނިކުތްއިރު، އަނިޔާގެ ސަބަބުން ވެލެންސިޔާ އެންމެ ފަހުން ކުޅުނު މެޗްގައި ނުކުޅެވުނު ހަލީލް ޖަމާލް އަނިޔާއިން ރަގަނޅުވެގެން ފުރަތަމަ 11ގައި ހިމެނިގެން ކުޅުނުއިރު، ކެޕްޓަން ޢަލީ ފާސިރު (ސެންޓޭ) އާއި އިސްމާޢީލް އީސާ (މެސީ) އިނީ ބެންޗުގައެވެ. އަދި 15 ދުވަހުގެ ޖަލު ހުކުމެއް ފުރިހަމަ ކުރުމަށް ފަހު ޓީމާ ގުޅުނު އަސްހަދު ޢަލީ (އަޑުބަރޭ) ވެސް އިނީ ބެންޗުގައެވެ.

މެޗް ފަށައިގެން ރަގަނޅަށް ކުޅެފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. މެޗްގެ 4ވަނަ މިނެޓްގައި އެޓީމްގެ ހުސެއިން ހަނާން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗްގެ ކުރީކޮޅުގައި ވެލެންސިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރުގައި އެޓީމުގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިން ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ރެފްރީ ނަސީރު އަފްޝީން ވަނީ އެއީ އޮފްސައިޑް ގޯލެއްކަމަށް ނިންމާފައެވެ. މެޗް ކުރިއަށްދިޔަ ވަރަކުން ސަސްއިން ކުޅުން ރަގަނޅުކޮށް، ވެލެންސިޔާގެ ގޯލައަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެގޮތުން މެޗްގެ 17ވަނަ މިނެޓްގައި ސަސްގެ ފޯވާޑް އިބްރާހިމް އަތީގު ހަސަންއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވެލެންސިޔާއިންނެވެ. މިލަނޑު މެޗްގެ 22ވަނަ މިނެޓްގައި ވެލެންސިޔާއަށް ކާމިޔާބުކޮށްދިނީ ހަލީލް ޖަމާލެވެ. ވެލެންސިޔާއިން ފުރަތަމަ ލަނޑުޖެހިތާ ދެ މިނެޓްފަހުން އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑް ފުޅާކޮށްފައެވެ. މިލަނޑު މެޗްގެ 24ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އާދަމް އިސާމެވެ. މިބޯޅަ ގޯލަށް ވަދެފައިވަނީ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު އަތުގައި ޖެހިފައެވެ. ވެލެންސިޔާއިން ދެ ގޯލް ޖެހިފަހުން ސަސްގެ މުޙައްމަދު ސަހާއު ވެލެންސިޔާގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ކީޕަރު ފައިސަލް މަތަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގެ ކުރީކޮޅުގައި މޮޅަށް ކުޅެފައިވަނީ ސަސްއިންނެވެ. އެޓީމުން ވަނީ ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ. މެޗްގެ 58ވަނަ މިނެޓްގައި ސަސްގެ ޔަސްފާދު ހަބީބް ވެލެންސިޔާގެ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗްގައި ސަސްއިން ޖެހި ހަމައެކަނި ގޯލް މެޗްގެ 65ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަހާއުއެވެ. މިލަނޑަށްފަހު ވެސް ސަސްއިން އިތުރު ގޯލެއް ޖެހުމަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. މެޗް ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ސަސްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތް ނުވިއިރުގައި މެޗްގެ އިތުރު ވަގުތުގައިވެސް ސަސްގެ ސަހާއު ވެލެންސިޔާގެ ގޯލަށް ފޮނުވާލި ބޯޅަ ވަނީ ވެލެންސިޔާގެ ކީޕަރު ފައިސަލް މަތަކޮށްފައެވެ.