ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ހަންގޭރީން ދެކޮޅުހަދައިފިއެވެ.
ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރައްވައި ޤަރާރެއްގައި ސޮއިކުރެއްވުމަށްފަހު ހަންގޭރީގެ ބޮޑުވަޒީރު ވިކްތޮރ އޮރްބާން ވިދާޅުވީ ހަނގުރާމައިގެ ވިލާގަނޑު އެ ޤައުމާ ކައިރިވަމުންދާކަމަށާއި އެފަދަ ޙާލަތެއްގައި ފިޔަވަޅުތައް އަޅަންވާނީ ޤައުމުގެ ސަލާމަތަށް އިސްކަންދިނުމަށްފަހުކަމަށެވެ. އެހެންކަމުން ހަންގޭރީން ޔޫކްރެއިނަށް އެއްވެސް ހަތިޔާރެއް ފޯރުކޮށްނުދޭނެކަމަށާއި އެހެން ބަޔަކުވެސް ހަންގޭރީ އެއްވެސް ސަރަޙައްދެއް ބޭނުންކޮށްގެން އެއްވެސް ހަތިޔާރެއް ޔޫކްރެއިނަށް ނުފޮނުވޭނެކަމަށް އޮރްބާން ވިދާޅުވިއެވެ. އަދި ވިލާތުގައި ކުރަމުންދާ ހަނގުރާމައެއްގެ ތެރެއަށް ހަންގޭރީން ނުވަންނާނެކަމަށާއި އެ ޤަރާރުގެ ދަށުން އެހެން ޤައުމެއްގައި ކުރަމުންދާ ހަނގުރާމައަކަށް ސިފައިންވެސް ނުފޮނުއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަންގޭރީން ނެރުނު ޤަރާރުން ނޭޓޯގެ ސިފައިން އެ ޤައުމުގައި ތިބުމަކަށް ހުރަހެއް ނާޅައެއްވެ، އަދި ހަނގޭރީގެ ސަރަޙައްދުތައް ބޭނުންކޮށްގެން ނޭޓޯގެ އެހެން ޤައުމުތަކަށް ހަތިޔާރު ފޮނުވުމަކަށްވެސް ހުރަހެއް ނާޅައެވެ. ޔޫކްރެއިނަކީ ނޭޓޯ އަދި ވިލާތުގެ އިއްތިޙާދުގެ މެންބަރު ޤައުމެއް ނޫނެވެ. ވިލާތުގެ އެހެން ޤައުމުތަކާ ޚިލާފަށް ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހަންގޭރީން ކުށްވެރިކޮށްފައިވަނީ ދެ ދުވަސްފަހުންނެވެ. ނަމަވެސް ހަންގޭރީން ބުނެފައިވަނީ ވިލާތުގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެ ޤައުމުން ތަންފީޒުކުރާނެކަމަށެވެ.
ހަނގޭރީގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމެއްކަމަށްވާ ތުރުކީވިލާތުންވެސްވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ރަނގަޅުނޫންކަމަށް ބުނެފައެވެ. އަދި ވިލާތުގެ އިއްތިޙާދުގެ ބައެއް ކުދި ޤައުމުތަކުންވެސް ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅައި އެ ޤައުމު ބާކީކޮށްލުމަށް ބޭނުމެއް ނުވެއެވެ.