ތަޢުލީމު

ކުޅުދުއްފުށީގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭން ފަށަނީ


ހދ. އަތޮޅު ތަޢުލީމީ މަރުކަރުގައި ޢަރަބި މީޑިއަމަށް ކިޔަވައިދިނުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށާއި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ހދ. އަތޮޅު ތަޢުލީމީ މަރުކަރުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭން ފައްޓާނެކަމަށް އެޑިއުކޭޝަން މިނިސްޓަރީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ހދ. ކުޅުދުއްފުށީ އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަހަރު ޢަރަބި މީޑިއަމް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާއިރު، ޢަރަބި މީޑިއަމްއަށް ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށްކަމަށެވެ. އެގޮތުން ޢަރަބި މީޑިއަމަށް ޚާއްސަކޮށްގެން ދެ ކްލާސް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިހާރު ޤާއިމުކޮށްފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިޙާމް ވިދާޅުވީ، މާލޭގެ ޢަރަބިއްޔާ ސްކޫލުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ފެންވަރަށް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޢަރަބި މީޑިއަމަށް ކިޔަވައިދިނުމަށް އިސްލާމިކް ޔުނިވަރސިޓީގެ އެހީތެރިކަމާއެކު އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސަވާފައިވާކަމަށެވެ. އަދި މާދަމާ ކިޔެވުން ފެށޭއިރު، އެކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައްވެސް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބިގެންދާނެކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ކުޅުދުއްފުށީގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާއިރު، ޢަރަބި ބަސް ކިޔަވައިދިނުމުގެ އިތުރުން ޢަރަބި ބަހުން އިތުރު މާއްދާތައްވެސް ކިޔަވައިދެއްވާނެކަމަށެވެ. ހދ. އަތޮޅު ތަޢުލީމީ މަރުކަރުގައި މިއަހަރު ޢަރަބި މީޑިއަމް ތަޢާރަފުކުރެވިގެންދާއިރު، މިދިޔަ އަހަރު އައްޑޫ ސިޓީ ނޫރާނީ ސްކޫލުގައިވެސް ޢަރަބި މީޑިއަމަށް ވަނީ ކިޔަވައިދޭން ފައްޓާފައެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ޢަރަބި ބަސް ވިހާވެސް ގިނަ ކުދިންނަށް އުނގަންނައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސްކޫލުތަކުގައި "ޢަރަބި" ވަކި މާއްދާއެއްގެ ގޮތުގައި ތަޢަރާފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ރާއްޖޭގެ 41 ސްކޫލެއްގައި ޢަރަބި ބަސް ކިޔަވައިދޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.