ޚަބަރު

ރަޝިޔާއަށް އެހީތެރިވެދީގެން މިދިޔަ ހަފްތާގައި 91 ވިޔަފާރިއެއް ބްލެކް ލިސްޓަށް


ހަނގުރާމައާ ގުޅިގެން އަލަށް އެކުލަވާލި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ރަޝިޔާއަށް އެތެރެކުރުން މަނާ މުދަލާއި ބައިތައް، ޤަވާޢިދާ ޚިލާފަށް އެތެރެކުރާ ވިޔަފާރިތައް ބްލެކްލިސްޓު ކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

މުދާ އެކްސްޕޯޓުކުރެވެން އޮންނަ މަގުތަކުން މިހާރު ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ރަޝިޔާއަށް ތަކެތި އެތެރެވިޔަ ނުދިނުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމަރސް އިން ހާމަކުރެއެވެ.

ކޮމަރސް ޑިޕާޓްމަންޓުގެ ސީނިއަރ އޮފިޝަލަކު ރޮއިޓަރސްއަށް ބުނީ ޤަސްތުގައި ޤަވާއިދާއި ޚިލާފުވާ ފަރާތްތައް ހިފަހައްޓައި، ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ވިޔަފާރިތައް އެމެރިކާގެ ވިޔަފާރިއާބެހޭ ބްކެލް ލިސްޓު ކަމަށްވާ އެންޓިޓީ ލިސްޓަށް އަރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤަވާޢިދާއި ޚިލާފަށް ރަޝިޔާއަށް މުދާ އެތެރެކުރަން މަސައްކަތްކުރާ އުޅަނދުތައް ހިފެހެއްޓުމަށް އެެމެރިކާގެ އޮފިޝަލުން ފަށާފައިވާ ޚާއްޞަ އޮފަރޭޝަނުގެ ދަށުން، ރަޝިޔާގެ އަސްކަރީ ބޭނުންތަކަށް އެހީތެރިވެދީގެން މިދިޔަހަފްތާގައި އެކަނިވެސް 10 ޤައުމެއްގެ 91 ފަރާތެއް އެންޓިޓީ ލިސްޓަށް އަރުވާފައިވާކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.

މި އޮޕަރޭޝަނުގެ ދަށުން ކަނޑު ހުރަސްކޮށް ރަޝިޔާއަށް ފޮނުވާ ކޮމްޕިއުޓަރުތަކާއި، މަތިންދާބޯޓުގެ ބައިތަކާއި، މެރިން އިކުއިޕްމަންޓުގެ އިތުރުން ޓެކްނޮލޮޖީއާ ގުޅޭ ސާމާނުގެ ޝިޕްމަންޓުތައް އަތުލައިގަތުމަށް، ކަމާބެހޭ މުޢައްސަސާތަކާއެކު، ފުލުހުންވެސް ނިކުމެ މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލުން ހާމަކުރައްވައެވެ. އަދި މި އޮޕަރޭޝަންތަކުގައި ޖަރުމަންވިލާތާއި، ތުރުކީވިލާތާއި، ޗައިނާފަދަ ވިޔަފާރީގެ މުހިއްމު ސަރަޙައްދުތަކުގައި ތިބި އެމެރިކާގެ ކޮމަރސް ޑިޕާޓްމަންޓުގެ އޮފިސަރުން ބައިވެރިކޮށްގެން، ފުޅާ ދާއިރާއެއްގައި ބޯޓުތަކުގެ ލައިސެންސް ޗެކް ކުރުމާއި، ޝިޕްމަންޓުތަކުގެ ވެރިފިކޭޝަން ލިޔެކިޔުންތައް ބެލުމަށް ހަމަޖެހިފައިވެއެވެ.

އެމެރިކާއަކީ ރަޝިޔާއާ ދެމެދު ވިޔަފާރީގެ ވަރުދަގަ ގުޅުމެއް އޮންނަ ޤައުމެއް ނޫނެވެ. އެގޮތުން ކޮމަރސް ޑިޕާޓްމަންޓުގެ ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު އެމެރިކާއިން ރަޝިޔާއަށް އެކްސްޕޯޓުކޮށްފައިވާ މުދަލުގެ އަގު 5 ބިލިއަން ޑޮލަރަށްވުރެ ދަށެވެ. ނަމަވެސް ޤައުމުތައް އެއްބައިވެގެން މަސައްކަތްކޮށްފިނަމަ 50 ބިލިއަން ޑޮލަރުގެ ވިޔަފާރި މުދާ ރަޝިޔާއަށް ފޮނުވުން ހުއްޓުވޭނެކަމަށް އޮފިޝަލުން ހާމަކުރައްވައެވެ.