ކުޅިވަރު

ސްޕޯޓްސް އެވޯޑްސްއަށް ރޮބާޓޯ ކާލޯސް، ގީބާ، ރީޑް ރާއްޖެއަށް


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް އާއި ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) އަދި ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ. މިތިން އެތުލީޓުންވެސް ރާއްޖެ އަންނާނެކަން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ޔަގީންކޮށްދީފައެވެ.

ވައަތު ބެކަށް ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހާގަކޮށްލެވޭ އެއް ކުޅުންތެރިއަކީ ރޮބާޓޯ ކާލޯސްއެވެ. ކާލޯސް އެންމެ ބޮޑަށް ފާހަގަވެފައިވަނީ 1997 ވަނަ ފްރާންސް ކޮޅަށް ޖެހި އާދަޔާ ޚިލާފު ގޯލުންނެވެ. ކާލޯސް ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ސައޮ ޔޮއާއޯއިންނެވެ. އަދި އެގައުމްގެ ޕަލްމެއިރާސްއަށް ވެސް ކާލޯސް ކުލެފައިވެއެވެ. ޔޫރަޕްގެ ކުލަބްތަކުން އެންމެ ފުރަތަމަ ކާލޯސް ގުޅިފައިވަނި އިންޓަރ މިލާނަށެވެ. އޭގެ ފަހުން ސްޕެއިންގެ ރިއަލް މެޑްރިޑްގައި ގިނަ ދުވަސްތަކެއްވަންދެން ކުޅެފައިވެއެވެ. ރިއަލް މެޑްރިޑްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ކާލޯސްވަނީ ފެނަބާޗޭ، ކޮރިންތިއަންސް، އަންޒީ މަކަޗްކާލާ އަދި ދިއްލީ ޑައިނަމޯސްއަށް ވެސް ކުޅެފައެވެ.

ކާލޯސް ވަނީ ވޯލްޑް ކަޕާއި ކޮންފެޑަރޭޝަން ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އިންޑިވިޖުއަލް އެވޯޑަށް ބަލާއިރު، 2008 ވަނަ އަހަރު ގޯލްޑަން ފުޓް އެވޯޑް ހޯދިއިރު، 2002 ވަނަ އަހަރު ބެލޮންޑިއޯ ރަނަރަޕް އެވޯޑް ހޯދިއިރު، އޭގެ ކުރިން 1997 ވަނަ އަހަރު ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ.

އިނގިރޭސިވިލާތުގެ ރީޑަކީ ވީލްޗެއާ ޓެނިސްގައި ޑަބަލްސްގައި ދުނިޔޭގެ ރޭންކިން އެއް ވަނައެވެ. އޭނާ ވަނީ ޕެރަލިމްޕިކް އިވެންޓުން ރަން މެޑަލާއި ރިހި މެޑަލް އަދި ލޯ މެޑަލް ހޯދާފައެވެ.

އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީކަން ކުރަމުން އަންނަ ގީބާ އަކީ ވޮލީބޯޅައިގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. ގީބާ ވަނީ އޮލިމްޕިކްސް ގޭމްސްގެ ރަން މެޑަލާއި އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް، އެފްއައިވީބީ ވޯލްޑް ކަޕް، އެފްއައިވިބީ ވޯލްޑް ގްރޭންޑް ޗެމްޕިއަންޝިޕް އަދި އެފްއައިވީބީ ލީގު ކާމިޔާބުކޮށްފައެވެ. ސްކައި ސްޕޯޓްގެ އެންމެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ގީބާ ވަނީ ފޭމަސް މެގަޒިންގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ.