ޚަބަރު

ހަނގުރާމައަށްފަހު ޤައުމު އާރާސްތުކުރުމަށް ބޭނުންވާ ފަންޑު މިހާރުއްސުރެ ދަނީ ތައްޔާރުވަމުން: ޒެލެންސްކީ


ހަނގުރާމައަށްފަހު ޤައުމު އަލުން އާރާސްތުކުރުމަށް ބޭނުންވާ ޚާއްޞަ ފަންޑުތައް މިހާރުވެސް އެކުލަވާލަން ފަށާފައިވާކަމަށް، ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިފަދައިން ވިދާޅުވެފައިވަނީ، އާދީއްތަދުވަހު ވީޑިއޯ މެދުވެރިކޮށް ޤައުމާއި މުޚާޠަބުކުރައްވަމުންނެވެ. ޒެލެންސްކީގެ ވާހަކަފުޅުގައި ހަނގުރާމައިގެ ކޮންމެ ދުވަހެއްގެ ކޮންމެ ގަޑިއިރަކުހެން އެޤައުމަށް އެހީ ލިބޭނެކަމުގެ ޚަބަރު އެކި ދިމަދިމާލުން ލިބެމުންދާކަމަށް ވިދާޅުވިއެވެ. އަދި ޤައުމު އަލުން ބިނާކުރާނެ ގޮތުގެ ތަޞައްވަރު ލިބިފައިވާކަމަށާއި، އެކަމަށްޓަކައި މިހާރުއްސުރެ ޚާއްޞަ ފަންޑުތަކެއް އެކުލަވާލަމުންދާކަމަށް ފާހަގަކުރެއްވިއެވެ.

ޒެލެންސްކީގެ ވާހަކަފުޅުގައި ޔޫކްރެއިން އަލުން ބިނާކުރުމަށްޓަކައި އެކުލަވާލަމުންދާ 4 ފަންޑެއް ފާހަގަކޮށްފައިވެއެވެ. އެއީ ގެއްލުންވެ ހަލާކުވެފައިވާ ގެތައް އަލުން ބިނާކުރުމަށާއި ޢުމްރާނީ މަސައްކަތްތަކަށް ބޭނުންކުރާ ފަންޑާއި، އިޤްތިޞާދު ކޮޅަށްޖެހުމަށް ބޭނުންކުރާނެ ފަންޑާއި، ޢާއްމުންނާއި ދައުލަތުގެ ދަރަނި އަދާކުރުމަށް އެހީވެދޭ ފަންޑުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑެވެ.

ޒެލެންސްކީ ވިދާޅުވެފައިވަނީ މުޅި ދުނިޔެވެސް އޮތީ ޔޫކްރެއިންގެ ކޮޅަށް ކަމަށާއި، މި ފަންޑުތަކަކީ ކުރިމަގަށް ކުރާ ޕްލޭންތަކުގެ ފެށުންކަމުގައެވެ. އަދި އެ ޤައުމުގެ ކުރިމަގު ފަހިވެފައިވާކަމަށާއި، މިހާރު ހަނގުރާމަކުރަމުންދަނީ ޤައުމުގެ މިހާރު ސަލާމަތްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޒެލެންސްކީގެ މި ވާހަކަފުޅުގައި އެމެރިކާގެ ރައީސާއި ކޮންގްރެސްގެ 200އަށްވުރެ ގިނަ މެމްބަރުން ޔޫކްރެއިނަށް އެކަށީގެންވާ ރަނގަޅު އެހީތެރިކަމެއް ދޭން ތިބިކަން ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި އޮސްޓްރޭލިއާ އާއި، ބަލްގޭރިއާ އާއި، އަލްބޭނިއާ އާއި، އިސްރާއީލްވެސް ޔޫކްރެއިނާއެކު އޮތްކަން ފާހަގަކޮށްފައިވެއެވެ.

މި ޚިޠާބުގައި ޒެލެންސްކީ ވަނީ ރަޝިޔާއަށް ނިޞްބަތްކޮށް، ޓެރެރިސްޓް ދައުލަތަކަށް އާމްދަނީ ހޯދޭނެ އެއްވެސް މަގެއް އޮވެގެން ނުވާނެކަމުގައި ވިދާޅުވެފައެވެ.