ޚަބަރު

ތުނޑި ގޯޅި އާއި އައިލެންޑް ޔޫތު މެޗް އެއްވަރު


2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑްގައި ލ.އަތޮޅުގެ އޯޕަންބުރުގައި ކުޅުނު ފުރަތަމަ މެޗް އެއް ވަރުވެގެން ނިމިއްޖެއެވެ. ލ.އަތޮޅުގެ އޯޕަންބުރުގައި ކުޅުނު މެޗް އެއްވަރުވެފައިވަނީ ތުނޑި ގޯޅި ސްޕޯޓްސް ކްލަބާއި އައިލެންޑް ޔޫތު ޔުނައިޓެޑް ވާދަކުރި މެޗް 1 ލަނޑު 1 ލަނޑުންނެވެ.

އެފްއޭއެމްގެ ވިސްނުމަކީ 2023/2024ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގް މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުޅުމެވެ. އެގޮތުން 3 ޑިވިޝަނަކަށް ބަހާލައިންގެން ޕްރިމިއަރ ލީގަށް ކޮލިފައިވުމަށްޓަކައި މެޗްތަކެއް ކުޅުމަށްވަނީ ނިންމާފައެވެ. ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ އޯޕަން ޑިވިޝަނެވެ. އޯޕަން ޑިވިޝަނަކީ އެއް ރަށަކުން އެއް ޓީމަކަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަމަ އެ ރަށަކުން ޒޯން ލީގަށް ހޮވޭ ޓީމެއް ކަނޑައަޅަން ކުޅޭ ބުރެކެވެ. އެގޮތުން ލ އަތޮޅު ގަމުން ހަތަރު ޓީމު ބައިވެރިވެފައިވާއިރު، ތުނޑި ގޯޅި އާއި އައިލެންޑް ޔޫތުގެ އިތުރުން އެސޯސިއޭޝަން ފޯ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން ފޯ ސްޕޯޓްސް (އަމީގޯސް) އާއި ތިއްތި ސްޕޯޓްސް ކްލަބް ވަނީ ލ.އަތޮޅުގެ އޯޕަން ޑިވިޝަންގައި ބައިވެރިވެފައެވެ.

ގަމުގެ ޓާފް ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ތުނޑި ގޯޅި ޓީމެވެ. މިމެޗް ލަނޑު ތުނޑި ގޯޅި ޓީމަށް މެޗްގެ 18ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުޖުތާޒް ޢަލީއެވެ. މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ ތުނޑި ގޯޅި ޓީމް ކުރީގައި އޮވެގެންނެވެ. މެޗްގެ ދެވަނަ ހާފްގައި ދެ ޓީމަށްވެސް ގޯލް ޖަހަން ފުރުސަތު ލިބުނުއިރު، ބަލިވެފައި އޮތުމުން އައިލެންޑް ޔޫތުން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެފައެވެ. ލަނޑެއް ޖެހުމަށް އައިލެންޑް ޔޫތުން ޓީމުން ކުރި މަސައްކަތް އެޓީމަށް ކާމިޔާބުނީ މެޗްގެ އިތުރު ވަގުތުގައި ލިބުނު ފުރުސަތުގައި ލަނޑު ޖަހައިގެންނެވެ. މިލަނޑު އައިލެންޑް ޔޫތުން ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރަޝީދެވެ.

ގަމުގެ އޯޕަން ރައުންޑުން އެއް ވަނަ ދާ ޓީމެއް ވާދަކުރަން ޖެހޭނީ ސައުތު ޒޯން ލީގުގައެވެ. މި ޒޯނު ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅުގެ ރަށްތަކެވެ. މި ޒޯން ލީގުގައި ހިމެނޭ ތިން ރަށެއްގައި އޯޕަން ރައުންޑް ކުޅެގެން ރަށް ތަމްސީލް ކުރާނެ ޓީމެއް ހޮވާނެއެވެ. އެ ގޮތުން ލ/ ކުނަހަންދޫގެ އޯޕަން ރައުންޑްގެ މެޗްތަށް މިމަހުގެ 18 އިން 22އަށް ކުލެން ތާވަލުކޮށްފައިވާއިރު، ސ. ހިތަދޫ އާއި ސ.ފޭދޫގެ އޯޕަން ރައުންޑްގެ މެޗްތައް މި ހަފްތާ ތެރޭގައި ކުރިއަށްދާނެއެވެ.

ށ، ނަރުދޫގެ އޯޕަން ރައުންޑްގެ މެޗްތަށް މެއި މަހުގެ 13 އިން 17އަށް ކުޅުމަށް ހަމަޖެހިފައިވާއިރު، އެމަހުގެ 20 އިން 24އަށް ބ.އެދަފުށީގެ އޯޕަން ޑިވިޝަންގެ މެޗްތައް ކުރިއަށްދާނެއެވެ.

އެފްއޭއެމްއިން ވަނީ 2023/2024ވަނަ އަހަރު ސީޒަން ކުރިއަށްގެންދަން މުޅި ރާއްޖެ 4 ޒޯނަކަށް ބަހާލާފައެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ.އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ.އަތޮޅެވެ. އަދި ޒޯން 4 އެއީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ.

އާ ފޯމެޓާއެކު އެފްއޭއެމްއިން ބޭނުން ވަނީ ފުޓްބޯޅައިގެ ފޯރި މުޅި ރާއްޖެއަށް ފަތުރާލާށެވެ. އެއާއެކު 53 ރަށުން 61 ޓީމް ވަނީ ކޮލިފިކޭޝަންގައި ބައިވެރިވެފައެވެ. 2023/2024ވަނަ އަހަރުގެ އާ ފޯމެޓާއެކު ތިން ޑިވިޝަނެއް ކުރިއަށްދާނެއެވެ. އެއީ އޯޕަން ޑިވިޝަނާއި 3ވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަނެވެ.