ތަޢުލީމު

ހުރިހާ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޮނުވައިފި


ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު، ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކުން ލިބެން ހުންނާނެކަމަށާއި، ޓެކްސްޓް ފޮތްތައް ބެހުމުގެ އިންތިޒާމް ސްކޫލްތަކުގައި މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ.އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވީ، މިއަހަރުގެ ކިޔެވުން ފެށިގެންދާއިރު، ޓެކްސްޓް ފޮތްތައް ނުލިބޭ އެއްވެސް ސްކޫލެއް މިހާރު ނުހުންނާނެކަމަށެވެ. ޓެކްސްޓް ފޮތްތައް ޕްރިންޓްކުރުމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިނިސްޓަރ ވިދާޅުވީ، ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް އެކެއް، އަދި ދޭއްކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހިމެނޭހެން، 60 ވައްތަރުން ބައި މިލިޔަނަށް ވުރެ ގިނަ ފޮތް ސްކޫލްތަކަށް ބަހާފައިވާކަމަށެވެ. އަދި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ބެހުމުގެ އިންތިޒާމް ހުރިހާ ސްކޫލެއްގައިވެސް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.(މިއަހަރު ބޭނުންކުރުމަށް ހަމަޖެހިފައިވާ ދަރިވަރުންގެ ޓެކްސްޓް ފޮތްތަކެއް / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)މިއަހަރު ސްކޫލަށް އަލަށް ވަނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅި ހުރިހާ ފަރާތްތަކަކަށް ސްކޫލްތަކުން ޖާގަ ހޯދައިދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިއަހަރު ގްރޭޑް އެކަކަށް ވަނުމަށް 2200 ކުދިން ޖާގަދީފައިވާއިރު، މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް ވަނުމަށް އެދި ހުށަހެޅި 1193 ކުދިންނަށް ޖާގަދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވިއެވެ. (އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިޙާމް / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެންދާއިރު، ސަރުކާރުން އަތޮޅުތަކުގައި ހިންގާ ހުރިހާ ސްކޫލުތަކެއްގައި ޕްރީ ސްކޫލް ކްލާސްތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަށްޓަކައި ސްކޫލްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޙަރަދުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. 2016 ވަނަ އަހަރުގެ ކިޔެވުން ފެށޭއިރު، މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާކަމަށާއި، އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހިފައިވާ ކަމުގެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެއްވާފައެވެ.