ޚަބަރު

ގާދޫ ސްކޫލް ކުދިން މާދަމާ ނިކުންނާނީ ލ.އަތޮޅު ތައުލީމީ މަރުކަޒަށް


ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، ގާދޫ ސްކޫލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ދަރިވަރުން ނިކުންނާނީ ފޮނަދޫގައި ހުންނަ ލ.އަތޮޅު ތައުލީމީ މަރުކަޒަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަދުގެ ނިޔަލަށް ގާދޫގެ 22 އާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެވެސް ވަރަށް މީހުން ބަދަލުކުރުމުގައި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ލ.ފޮނަދޫގައި ހުންނަވާ ޕީ.އެސް.އެމްއާ ވާހަކަދައްކަަވަމުން ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުލް ހަސީބު ވިދާޅުވީ، ގާދޫގައި ތިބި ކިޔަވާ ކުދިންގެ ތެރެއިން ގިނަ ކުދިން ފޮނަދޫއަށް ގެނެސްފައިވާއިރު، ބައެއް ކުދިން ގާދޫގައިވެސް އެބަތިބިކަމަށެވެ. ގާދޫގައި ތިބި ކުދިންނަށް މާދަމާ ފެރީގެ ޚިދުމަތް ދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ހަސީބު ވިދާޅުވިއެވެ. މޫސުން ތަންދޭނަމަ މީހުން ބަދަލު ކުރުމުގެ މަސައްކަތް މާދަމާވެސް ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ގާދޫ މީހުން ބަދަލުވުމަށް ފޮނަދޫގައި ވަނީ 85 ގެ އަޅާފައެވެ. ގެތައް ނުލިބޭ  އާއިލާތައް އުޅުމަށް ފޮނަދޫއިން ގެ ހޯދާފައިވާއިރު، އެފަދަ އާއިލާތަކަށް ކުލި ދައްކައިދޭނީ ހައުސިން މިނިސްޓްރީންނެވެ. ފޮނަދޫއަށް ބަދަލުވާ ކޮންމެ އާއިލާއަކަށް ފަސްދޮޅަސް ހާސް ރުފިޔާ ދެމުންދާ ކަމަށްވެސް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.