ޚަބަރު

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހުސެއިން ޝަހީމް


އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ވޯޓު އެއްވަރުވެ އަލުން ބޭއްވި އިންތިޚާބު ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކާމިޔާބު ކުރައްވައިފިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބާ ވާދަކުރައްވައި އޭނާ މިއިންތިޚާބު ކާމިޔަބު ކުރެއްވީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކުރިއަށް ދިޔަ މިވޯޓުގައި 38 ވޯޓުންނެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޖުމުލަ ޢަދަދަކީ 65 މެމްބަރުންނެވެ.

މިއިންތިޚާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 25 ވޯޓެވެ. މިއިންތިޚާބު ހުސެއިން ކާމިޔާބު ކުރެއްވީ 13 ވޯޓުގެ ތަފާތުންނެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިޚާބުގައި، އާލީ އާޒިމްއާއި ވާދަކޮށް އެމްޑީޕީގެ ޕީޖީ ލީޑަރުކަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ކާމިޔާބުކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ އިންތިޚާބު އަސްލަމް ކާމިޔާބު ކުރައްވާފައި ވަނީ ޕީޖީ ގުރޫޕުގެ 40 މެމްބަރުންގެ ވޯޓު ހޯއްދަވައިގެންނެވެ. އަސްލަމްއާއި ވާދަކުރެއްވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ. ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހޮވިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.