ޚަބަރު

ރަޝިޔާއިން ތެޔޮގަތުން ހުއްޓާލައިފިނަމަ ދެގުނައަށް އަގު އުފުލިދާނެ


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަޑުޖެހުމެއްނެތި އުފުލެމުންގޮސް، މިއަހަރުގެ މިހާތަނަށް ތެލުގެ އަގު 67 އިންސައްތަ އުފުލިފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ތެލުގެ ބާޒާރަށް ދިމާވެފައިވާ ތާށިކަމުގެ ސަބަބުން މިިދިޔަ ފެބްރުއަރީއިން ފެށިގެން ތެލުގެ އަގު ދަނީ ރިކޯޑަކަށްފަހު ރިކޯޑެއް ކަޑައްތުކުރަމުންނެވެ. ހޯމަދުވަހު ހިއްސާގެ ބާޒާރުގައި ތެލުގެ އަގު ވަނީ 24 އަހަރު ތެރޭގައި ރިކޯޑު މިންވަރަކަށް އުފުލިފައެވެ. އެގޮތުން ފީފާއަކުން 10 ޑޮލަރަށްވުރެ އިތުރަށް އުފުލި، ބްރެންޓް އާއި ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 147 ޑޮލަރަށް އަރާފައެވެ.

ތެލުގެ އަގު ހިފެހެއްޓުމަށް ދަތިވެފައިވަނިކޮށް ރަޝިޔާއިން ތެޔޮ އިމްޕޯޓުކުރުން މަނާ ކުރުމުގެ މަޝްވަރާތައް ބާރުމިނުގައި ކުރިއަށްގެންދަން އެމެރިކާއިން ވަނީ ފަށާފައެވެ. ރަޝިޔާއިން ދުނިޔޭގެ ބާޒާރަށް ސަޕްލައިކޮށްދޭ ތެޔޮ އެހެން ދިމާލަކުން ލިބޭނެގޮތެއް ޤައުމުތަކަށް ހޯދިފައި ނުވަނީސް މި ބަދަލު ގެނެސްފިނަމަ ތެލުގެ އަގު ދެގުނައަށް އުފުލި، ސާފުނުކުރާ ތެޔޮ ފީފާއެއް 200 ޑޮލަރަށް ޖެހިދާނެކަމަށް، އެމެރިކާގެ މާލީ ވުޒާރާތަކުގެ ތަޖުރިބާރާކުން ލަފާކުރެއެވެ. ނަމަވެސް މި ފިޔަވަޅަކީ ރަޝިޔާގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލުމަށް މުހިއްމު ފިޔަވަޅެއްކަމަށް އެމެރިކާއިން ދެކެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުގެ ކުރިންވެސް ބާޒާރުގައި ޑިމާންޑާއި އެއްވަރަށް ތެޔޮ ލިބުން ވަނީ ދަތިވެފައެވެ. ސަބަބަކީ އޮޕެކާއި އެކުވެރި ޤައުމުތަކުން އެއްބަސްވެފައިވާ މިންވަރަށް ތެޔޮ އުފެއްދޭގޮތް ނުވުމެވެ. އޮޕެކުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އިރާޤުގެ އުފެއްދުންތެރިކަން މަދުވެފައިވާއިރު، ލީބިޔާގެ ބައެއް ތެޔޮ ބިންތައް ބަންދުކުރަންޖެހުމާއި ގުޅިގެން ދުވާލަކު 330000 ފީފާގެ ކެޕޭސިޓީ ގެއްލިފައިވާކަމަށް، ނޭޝަނަލް އޮއިލް ކޯޕަރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތެޔޮ އުފައްދާ މިންވަރު މަދުވެފައިވަނިކޮށް ހަނގުރާމައިގެ ސަބަބުން ރަޝިޔާއިން ތެޔޮ ގަތުމާއި ބޭރުކުރުމަށް މިހާރު ވަނީ ހުރަސްއެޅިފައެވެ. އަދި ބައިނަލްއަޤްވާމީ މަސްރަޙުން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝީޔާއިން ފުލް ކެޕޭސިޓީގައި ތެޔޮ ވިއްކާނެކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. މީގެ އިތުރުން އީރާނުގެ ނިއުކްލިއަރ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް އަދިވެސް ނިމިފައިނުވާތީ، އެކަމުގެ އަސަރުވެސް ތެލުގެ ވިޔަފާރިއަށް ދަނީ ކުރަމުންމުނެވެ.

ޚަބަރުތައް ބުނާގޮތުން އާދީއްތަދުވަހު ބޭއްވި ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭ މަޝްވަރާތަކުގައި ރަޝިޔާއާއި ޗައިނާއިން އިތުރު ޝަރުޠުތަކެއް ކުރިމަތިކުރުމުން، އެދުވަހުގެ މަޝްވަރާތައްވެސް ވަގިގޮތަކަށް ނިންމާލެވިފައެއް ނުވެއެވެ. ބައެއް އެނަލިސްޓުން ބުނަމުންދަނީ ތެލުގެ ވިޔަފާރިއަށް އަސަރު ކުރާ އަޞްލު ސަބަބަކީ ހަމައެކަނި ނިއުކްލިއަރ އެއްބަސްވުމުގެ މަޝްވަރާތައް ކަމަށެވެ. ނަމަވެސް އަނެއްބައި އެނަލިސްޓުން ހާމަކުރާގޮތުން ރަޝިޔާގެ އެކްސްޕޯޓަކީ ތެލުގެ ބާޒާރަށް އެންމެ ބޮޑަށް އަސަރުކުރުވާ ސަބަބެވެ. އެފަރާތްތަކުން ދެކޭގޮތުގައި ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލައިފިނަމަ ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން އިންފްލޭޝަން މަތިވެ، ބޭންކުތަކުގެ އިންޓްރެސްޓް ރޭޓް އުފުލުމަށް ދާދި އަވަހަށް މެދުވެރިވެދާނެއެވެ.

ދުނިޔޭގެ ޤައުމުތަކަށް ބޭނުންވާ ތެލުގެ 11 އިންސައްތަ ސަޕްލައިކޮށްދެނީ ރަޝިޔާއިންނެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން ޤުދުރަތީ ގޭސް ވިއްކާ ޤައުމަކީވެސް ރަޝިޔާއެވެ.