ޚަބަރު

ފަނޑިޔާރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ހަމަޖައްސަން ފާސްކޮށްފި


އަންހެން ފަނޑިޔާރުން ވިހެއުމުން ދެމުންގެންދާ ޗުއްޓީ 6 މަސް ދުވަހަށް އިތުރު ކުރުމަށް ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ އިއްތިފާގުންނެވެ. މިބިލް ފާސްވުމުން އަންހެން ފަނޑިޔާރުންނަށް ވިހެއުމަށްފަހު 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ. އަދި ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބިގެންދާނެއެވެ. މެޓާނިޓީ ލީވް ހަމަޖެހިގެންދާއިރު، އެފަނޑިޔާރަކަށް ކަނޑައެޅިފައިވާ މުވާސަރަވެސް މިމުއްދަތުގައި ލިބިގެންދާނެއެވެ.

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގެ ހަމަހަށް އިތުރުކުރުމަކީ ރައީސް ޞާލިޙްގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެއް ސިޔާސަތެވެ. އަންހެން މުވައްޒަފުން ވިހެއުމުން މުސާރައާއެކު 6 މަހުގެ ޗުއްޓީދޭނެކަން ރައީސް ޞާލިޙް އިއުލާން ކުރެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައެވެ. ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން ސިވިލްސަރވިސް މުވައްޒަފުންގެ އިތުރުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގައިވެސް މިހާރު ވަނީ އެ ސިޔާސަތާ އެއްގޮތަށް އަމަލުކުރަންފަށާފައެވެ.