ޚަބަރު

މާސްޓަރ ކާޑާއި ވިސާގެ ޚިދުމަތުން ރަޝިޔާ ބޭރުކޮށްލަނީ


މާސްޓަރކާޑާއި ވިސާ ކުންފުނީގެ ކާޑުގެ ޚިދުމަތް ރަޝިޔާއަށް ދިނުން މުޅިން އެއްކޮށް ހުއްޓާލުމަށް އެ ކުންފުނިތަކުން ނިންމައިފިއެވެ.

މާސްޓަރކާޑާއި ވިސާގެ ޚިދުމަތުން ރަޝިޔާގެ ބައެއް މުޢައްސަސާތައް ވަކިކުރުމަށް މީގެކުރިން ނިންމާފައިވީނަމަވެސް މިހާރު ނިންމާފައިވަނީ މާރިޗު 9 އިން ފެށިގެން ޚިދުމަތް މުޅިން އެއްކޮށް މެދުކަނޑާލުމަށެވެ.

ރަޝިޔާގެ މަރުކަޒީ ބޭންކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރަޝިޔާއިން ދޫކޮށްފައިވާ މާސްޓަރކާޑާއި ވިސާކާޑު 9 މާޗުގެފަހުން ރަޝިޔާއިން ބޭރުގައި ބޭނުން ނުކުރެވޭނެކަމަށެވެ. އަދި އެހެން ޤައުމުތަކުގައި ދޫކޮށްފައިވާ ކާޑުތައްވެސް ރަޝިޔާގައި ބޭނުން ނުކުރެވޭނެކަމަށެވެ. ނަމަވެސް ރަޝިޔާގައި ދޫކޮށްފައިވާ ކާޑުތަކުގެ މުއްދަތު ހަމަވަންދެން އެތެރޭގެ މުޢާމަލާތްތަކުގައި ބޭނުންކުރެވޭނެކަމަށް ބޭންކުން ބުނެއެވެ.

ރަޝިޔާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސްބާބޭންކުން ބުނެފައިވަނީ އެތެރޭގެ ޑޮމެސްޓިކް ޓްރާންސެކްޝަންސްތައް ހިނގަނީ މިނިވަން ޕޭމަންޓް ސިސްޓަމެއް ކަމަށްވާ ނޭޝަނަލް ޕޭމަންޓް ކާރޑް ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން މާސްޓަރކާޑާއި ވިސާގެ ބައިނަލްއަޤްވާމީ ޚިދުމަތްތައް ކަނޑާލިޔަސް، ކަސްޓަމަރުންނަށް ޤައުމުގައި ތިބެގެން އެ ޤައުމުން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ފައިސާ ނެގުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރުން، އެތެރޭގެ އޮންލައިން އަދި އޮފްލައިން ވިޔަފާރިވެސް ކުރެވޭނެކަމަށެވެ.

މާސްޓަރ ކާޑް އަދި ވިސާ ކުންފުނީގެ ޚިދުމަތް ދިނުން ހުއްޓާލަން ނިންމީ ޔޫކްރެއިނުގައި ރަޝިޔާއިން ކުރިއަށްގެންދާ ހަނގުރާމަވެރި ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެހެން ކުންފުނިތަކުންވެސް ރަޝިޔާއާއި ގުޅުން ކަނޑާލަމުން ދިއުމުގެ ސަބަބުން، ހަނގުރާމައަށް ހިތްވަރުނުދޭކަން ހާމަކޮށް، ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

ހަނގުރާމަ ފެށުނުފަހުން މާސްޓަރކާޑާއި، ވިސާއާއި، ޕޭޕާލްވެސް ހިމެނޭހެން ކާޑު ސިސްޓަމް އޮޕަރޭޓަރުންނާއި، އެކި މާލީ ވުޒާރާތަކާއި، ސްވިފްޓް ވިއުގައިން ރަޝިޔާއަށް އޮތް ފުރުޞަތުތައް ގެއްލިފައިވާތީ އެ ޤައުމުން ބަދަލުގައި އެހެން ގޮތްގޮތުން ޚިދުމަތާއި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ދަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން 180 ޤައުމަކަށް ޚިދުމަތްދެމުން އަންނަ ޗައިނާގެ ޔޫނިއަންޕޭ އާއި ގުޅިގެން ކާޑު ދޫކުރަން ފެށުމުގެ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ. ރަޝިޔާގެ ބައެއް ބޭންކުތަކުން މިހާރުވެސް ޔޫނިއަންޕޭ ބޭނުންކުރާކަމަށް ޚަބަރުތައް ބުނެއެވެ.

މީގެ އިތުރުން ރަޝިޔާގެ އަމިއްލަ ކާޑު ސިސްޓަމްކަމަށްވާ އެމް.އައި.އާރް މެދުވެރިކޮށް ކާޑު ދޫކުރުމުގެ ވިސްނުންވެސް އެބަހުރިކަމަށް މަރުކަޒީ ބޭންކާއި ސްބާބޭންކުން ބުނެއެވެ. އެމް.އައި.އާރް އަކީ 2015 ވަނަ އަހަރު ރަޝިޔާއިން އޮޕަރޭޓްކުރަންފެށި އެ ޤައުމުގެ އަމިއްލަ ބޭންކިންގ މެސެޖިންގ ސިސްޓަމާއި އެކުއެކީގައި އޮޕަރޭޝަނަށް ގެނައި އަމިއްލަ ކާރޑް ޕޭމަންޓް ސިސްޓަމެކެވެ.