ޚަބަރު

ލ.ގަމުން ރަސްމީ ސިފައެއްގައި ދަނޑުވެރިކަމަށް ބިން ދޫކުރަނީ


ހަ ސަތޭކަ ހެކްޓަަރަށް ވުރެ ބޮޑު ގަމަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށެވެ. ބިމުގެ ބޮޑުބައެއް ބޭނުން ކުރަމުންދަނީ ދަނޑުވެރިކަން ކުުރުމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރު، ދަނޑުވެރިކަން ކުރަމުން އައިސްފައިވަނީ ގަމު ކައުންސިލްގައި ރަޖިސްޓްރީ ނުކޮށް، ދަނޑުވެރިކަން ކުރާ މީހުންގެ މަޢުލޫމާތު ކައުންސިލަށް އެއްްވެސް ވަރަކަށް ނޭންގިއެވެ. ކަން މިހެން އޮތުމާއިއެކު، ދަނޑުވެރިކަން ކުރާ މީހުންގެ ޢަދަދާއި، އެކަމުން ރަށަށް ލިބެމުންދާ ޢާންމުދަނީ ހޯދުމުގައި ކައުންސިލަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެހެންކަމުން ގަމު ކައުންސިލުން މިވަގުތު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ދަނޑުވެރިކަން ކުރުމަށް ރަސްމީ ސިފައެއްގައި ބިން ދޫކުރެއްވުމުގެ މަސައްކަތެވެ. ގަމުގައި ދަނޑުވެރިކަން ކުރުމަށްޓަކައި ކޮންމެ ދަނޑުވެރިއަކަށް 20,000 އަކަފޫޓްގެ ބިން ދޫކުރައްވަން ގަމު ކައުންސިލުން ވަނީ ނިންމަވާފައެވެ. ފެބްރުއަރީ މަހުގެ ތެރޭގައި ދަނޑުވެރިނަން ބިންތައް ލިބިގެންދާނެ ކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް ވިދާޅުވިއެވެ."ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބިން ދޫކުރައްވާނެ. އެއްވެސް ލިމިޓެއް ނެތް އަދިއެއް. ކޮންމެ ދަނޑުވެރިއަކަށް ދޫކުރެވޭނީ 20,000 އަކަފޫޓްގެ ބިން. މިހާތަނަށް އައި އިރު، 180 އަށްވުރެ ގިނަ ފަރާތުން ކައުންސިލަށް ފޯމު ހުށައަޅާފައިވޭ." ގަމު ކައުންސިލްެގެ ރައީސް ވިދާޅުވިއެވެ.   ދަނޑުތައް ދޫކުރުމުގެ ކުރިން ދަނޑުތަކަށް ވަންނަން އޮތް ބައެއްް މަގުތައް ހެދުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރިއަަށްގެންދާ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. ދަނޑުވެރިކަން ކުރާ ފަރާތްތައް ކައުންސިލްގައި ރަޖިސްޓްރީކުރުމަކީ ދެފަރާތަށްވެސް އޮތް ފައިދާއެއް  ކަމަށް އޭނާ ވިދާޅުވިއެވެ. " ކައުންސިލަށް ލިބޭނެ ފައިދާއަކީ ރަގަޅު އިންތިޒާމެއްގެ ދަށުން ބިންތައް ބޭނުން ކުރުމުގެ ފައިދާ. މިހެން ހެދުމުން ބޮޑު ފައިދާތަކެއް ކުރާނީ ދަނޑުވެރިންނަށް. ސަރުކާރުން ދެއްވާ ސަބްސިޑީ ފަދަ އެއްޗެހި ލިބުމުގައިވެސް ފަސޭހަތަކެއް ވެގެންދާނެ. މުޅި ރަށަށް ލިބޭ އަންމުދަނީވެސް އެނގިގެންދާނެ މިހެން ހެދުމުން." ސިޔާމް ފާހަގަކުރެއްވިއެވެ.ގަމުގެ ދަނޑުވެރިންގެ އިތުރުން އެހެން ރަށްރަށުގެ މީހުންނަށްވެސް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ގަމު ކައުންސިލުން ވިދާޅުވެއެވެ.