ޚަބަރު

މުއާޞަލާތީ ޚިދުމަތުގައި އެހީތެރިވެދޭތީ އީލޯން މަސްކަށް ޒެލެންސްކީގެ ޝުކުރު


ރަޝިޔާގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ، ސުންނާފަތިވެފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަށް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭތީ، ބިލިއަނަރު އީލޯން މަސްކަށް، ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ޝުކުރު އަދާކުރައްވައިފިއެވެ.

ޙަމަލާތައް ފެށުމާއެކު ޔޫކްރެއިނުގެ ބޮޑުވަޒީރުގެ ނައިބު މިޚައިލޯ ފެޑޮރޯވް ކުރެއްވި ޓުވީޓެއްގައި މަސްކުގެ ސްޓަރލިންކް ޚިދުމަތް ޔޫކްރެއިނަށް ދިނުމަށް ވަނީ އެދިފައެވެ. ޓެސްލާ އަދި ސްޕޭސް އެކްސް ކުންފުނީގެ ވެރިޔާ އީލޯން މަސްކް ވަނީ އެކަމަށް އިޖާބަދީ، ސްޓަރލިންކް މެދުވެރިކޮށް އިންޓަރނެޓް ޚިދުމަތްދިނުމަށް ބޭނުންވާ ސާމާނުގެ ޝިޕްމަންޓެއް ޔޫކްރެއިނަށް ފޮނުވާފައެވެ. އަދި މިދިޔަ ހަފްތާގައި އޭނާ ވަނީ ސްޓަރލިންކުގެ ޚިދުމަތް އެ ޤައުމުގައި ދޭން ފަށާފައިވާކަން އިޢުލާންކޮށްފައެވެ.

މަސްކް ވަނީ ހަނގުރާމައިގައި އިންޓަރނެޓާއި މުއާޞަލާތީ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް ޚިދުމަތްދިނުމަށް ބޭނުންވާ ސާމާނުގެ އިތުރު ޝިޕްމަންޓުތައް ފޮނުވަމުންދާނެކަމަށް ބުނެފައެވެ. އެހެންކަމުން އާދީއްތަދުވަހު އިންޓަރނެޓް މެދުވެރިކޮށް މަސްކާއި ގުޅުއްވުމަށްފަހު ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަހާއި ޢަމަލުން ޔޫކްރެއިނަށް އެހީތެރިވެދީފައިވާތީ މަސްކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ސްޓަރލިންކް ސިސްޓަމުގެ އިތުރު ޝިޕްމަންޓެއް އަންނަ ހަފްތާގައި ލިބޭކަންވެސް ޒެލެންސްކީ ވަނީ ހާމަކުރައްވާފައެވެ.

ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުގެ ގިނަ އަވަށްތަކުން މުއާޞަލާތީ ޚިދުމަތް މުޅިން ކެނޑިފައިވާކަމަށް ބައެއް ނޫސްތަކުން ހާމަކުރެއެވެ. ސްޓަރލިންކުގެ ޚިދުމަތް ޔޫކްރެއިނުގައި މުޅިން އަލަށް ފަށާފައިވާއިރު، މި ޚިދުމަތް ދެނީ ސީދާ ކޮން ސަރަޙައްދުތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ޚިދުމަތުގެ ސަބަބުން މުހިއްމު މަސައްކަތްތައް ހިނގަމުންދާ ޢިމާރާތްތަކުގެ މަސައްކަތަށާއި، އަސްކަރީ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ކީވްގެ މޭޔަރ ވިދާޅުވެފައިވެއެވެ.

ސްޓަރލިންކް ނެޓްވޯކަކީ މިހާރު ޔޫކްރެއިނުގައި ޚިދުމަތްދެމުންދާ މަދު ނެޓްވޯކްތަކުގެ ތެރެއިން ރަޝިޔާއަށް ނިޞްބަތްނުވާ ހަމައެކަނި ނެޓްވޯކުކަމުން، ސްޓަރލިންކަށް ޢަމާޒުކޮށް ޙަމަލާދިނުމަކީ އެކަށީގެންވާ ކަމެއްކަމަށް މަސްކްގެ ޓުވީޓެއްގައި އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ސްޓަރލިންކުގެ ޚިދުމަތުން ރަޝިޔާގެ މީޑިއާތަކަށް އޮންނަ އެކްސެސް ކަނޑާލުމަށް ބައެއް ފަރާތްތަކުން އެދިފައިވާކަމަށާއި ނަމަވެސް އެގޮތަށް އެކަން ކުރަން ބޭނުންނުވާކަމަށް އޭނާ ބުނެފައިވެއެވެ.

ސްޓަރލިންކަކީ ދުނިޔެއާ ކައިރިން ޖައްވުގެ ތިރީ ފަށަލައިގައި ސެޓެލައިޓުތައް ދައުރުކޮށްގެން ދުނިޔޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސްޕޭސް އެކްސް ކުންފުނިން ފަރުމާކުރަމުންދާ ސެޓެލައިޓް ނެޓްވޯކެކެވެ. މި ނެޓްވޯކުގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ސެޓެލައިޓް ލޯންޗުކޮށްފައިވާއިރު، އެމެރިކާއާއި ކެނެޑާގެ ބައެއް ސަރަޙައްދުތަކަށް ޚިދުމަތްދޭން ވަނީ ފަށާފައެވެ.